ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް
ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް

ޖަޕާނަކީ ހަމަގައިމު ވެސް އެއްވެސް ތައާރަފެއް ބޭނުންވާނެ ގައުމެއް ނޫނެވެ. ޖަޕާނުން އުފައްދާ އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ރޮނގުން އެ ގައުމު ހޯދާ ކުރިއެރުންތަކުގެ ވާހަކަތައް މަޝްހޫރެވެ. އެކަމަކު "ބަންދު ގައުމެއްގެ" ގޮތުގައި ޖަޕާނު އޮއްވާ، ޖަޕާނުގެ އީޖާދުތައް ދުނިޔެއާ ހަމައަށް ފޯރުވައިދިން ގޮތުގެ ވާހަކަ އަދި މުޅިން ތަފާތެވެ.

ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް
ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް

އެއީ ޓޯކިއޯގެ ދެކުނުން އޮންނަ ޔޮޮކޮހާމާ ސިޓީގެ ވާހަކަ އެވެ. އެ ސިޓީގައި ދަތުރު ކުރަމުން ދާއިރު ފެންނާނީ ބޮޑެތި ހުސް އަދި ޒަމާނީ އިމާރާތްތަކާއި ބޮޑެތި ހައިވޭތަކެވެެ. ޒަމާނީ ޕާކުތަކާއި އެންމެ ޒަމާނީ އަދި ތަރުތީބުން އަތުރާލެވިފައިވާ މަގުތަކެވެ. ސަބްވޭތަކުންނާއި ހައިވޭތަކުން ދަތުރުކުރާ ޒަމާނީ އަދި އެންމެ ހައި ސްޕީޑް ރޭލުތަކެވެ. ބޮޑެތި ޝޮޕިން މޯލްތަކާއި ޒަމާނީ ރެސްޓޯރެންޓް އަދި ފަސް ތަރީގެ ބޮޑެތި ހޮޓާތަކެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ.

ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް
ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް

ޓޯކިއޯގެ ދެކުނުން އޮންނަ މި ސިޓީއަކީ 3.7 މިލިއަންގެ އާބާދީއަކާ އެކު އެ ގައުމުގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީ އެވެ. ޓޫރިސްޓުންގެ މެދުގައި މަޝްހޫރު މި ސިޓީ ތަރައްގީގެ ގޮތުން ބަލާއިރު ވެރިރަށް، ޓޯކިއޯއަކަށް ދުލެއް ނުކުރެ އެވެ. މިއީ މިއަދު އެ ސިޓީ އޮތް ގޮތެވެ. މިހާރު އެ ސިޓީ ހަމަ ލޮލުން ފެންނަ މީހެއްގެ ގާތު، އެއީ ކުރިން އެންމެ 600 އެއްހާ މީހުން އުޅުނު އަވަށެކޭ ބުނެފި ނަމަ ގަބޫލުކުރަން ދަތިވާނެ އެވެ.

ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް
ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް

މީގެ 150 އަހަރު ކުރިން 1800 ގެ އަހަރުތަކުގެ މެދު ތެރެއާ ހަމައަށް ޔޮކޮހާމާއަކީ ކުޑަކުޑަ މަސްވެރި އަވަށެކެވެ. އާބާދީ ގޮތުން ބަލާ ނަމަ ރާއްޖޭގެ ކުޑަކުޑަ ރަށެކޭ އެއްވަރެވެ. ބޭރު ދުނިޔެ އާއި ޖަޕާނާ އޭރު އެއްވެސް ގުޅުމެއް ނެތުމުން ތަރައްގީގެ އެއްވެސް ކުލަވަރެއް ޔޮކޮހާމާއަކުން ވެސް ދައްކައެއް ނުލަ އެވެ. އެކަމަކު 1859 ވަނަ އަހަރު އެ ސިޓީގައި ހުޅުވި، ޖަޕާނުގެ ފުރަތަމަ ބައިނަލްއަގްވާމީ ކަނޑުގެ ބަނދަރާ އެކު، ބޭރު ދުނިޔެއަށް ވެސް ޖަޕާނު ހުޅުވުނީ އެވެ. މިހާރު އެންމެން މި ދެކޭ ޖަޕާނު މަޝްހޫރުވި ސަބަބަކީ އެ އެވެ.

ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް
ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް

އެމެރިކާ އާއި ޖަޕާނާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހެދި ބަނދަރު ނުވަތަ ޔޮކޮހާމާ ޕޯޓް ހުޅުވުމާ އެކު އޭރު ޖަޕާނުގައި ތަންފީޒު ކުރަމުން ދިޔަ އެއް ސިޔާސަތު ކަމަށްވާ، ބޭރު ގައުމުތަކާ ގުޅުން ނުބޭއްވުމުގެ ސިޔާސަތު ނުވަތަ ޖަޕާނު ބަހުން ނަމަ "ސަކޮކު" އުވުނީ އެވެ. ސަކޮކު ސިޔާސަތު އޮތްއިރު ބޭރު ގައުމުތަކުގެ މީހުންނަށް ޖަޕާނަށް އެތެރެވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި ޖަޕާނު ރައްޔިތުން އެހެން ގައުމުތަކަށް ދެވޭނީ ވެސް ވަރަށް ޚާއްސަ ހުއްދަތަކެއް ނަގައިގެންނެވެ. ހުއްދަ ނުނަގާ ހިނގައްޖެ ނަމަ އެ މީހަކަށް ބޮޑެތި އަދަބު ދެ އެވެ.

ސަކޮކު ސިޔާސަތު އުވުމަކީ މުޅި ދުނިޔޭގެ ލޯ ޖަޕާނަށް އަަމާޒުވެ، ވިޔަފާރީގެ ގޮތުން އެ ގައުމާ ގުޅުން ބަދަހިކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެ ބަނދަރާ އެކު ޖަޕާނާއި ބޭރު ގައުމުތަކާ ގުޅުން ބަދަހިވާން ފެށިއިރު ޔޮކޮހާމާ ވެގެން ދިޔައީ ޖަޕާނުގެ ބައިނަލްއަގްވާމީ ވިޔަފާރީގެ މައި ސަރަހައްދަށެވެ. އެކި ގައުމުތަކުގެ ވިޔަފާރި ޖަޕާނާ ހަމައަށް އައިސް އަދި ޖަޕާނުގައި އޭރު އޮތް ސިލްކް ފޮއްޗާއި ސައިފަތުގެ ވިޔަފާރި ބޭރު ގައުމުތަކަށް ދަނީ ޔޮކޮހާމާ ބަނދަރުންނެވެ. ކުރުކޮށް ބުނާ ނަމަ އެންމެންނަށް މިހާރު ފެންނަ ޒަމާނީ ޖަޕާނު ދުނިޔެއަށް ހުޅުވާލަދިން ތާރީޚީ ތަނަކީ މި ސިޓީ އެވެ.

ބައިނަލްއަގްވާމީ އެކި ވިޔަފާރިތައް ޔޮކޮހާމާ އަށް އޭރު މިސްރާބު ޖަހަމުން ދިޔައިރު އެ ސިޓީގެ އަމާޒު އޭރު ހުރީ އެންމެ ކަމަކަށެވެ. ތަރައްގީގެ ގޮތުން ކުރިއެރުމަށެވެ. ކުޑަކުޑަ އަވަށެއްގެ ގޮތުގައި އޮތް މި ތަން ޒަމާނީ ސިޓީއަކަށް ހަދަން އަމާޒު ހިފި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ޔޮކޮހާމާ އަކީ ވެރިރަށް ޓޯކިއޯ ނެގުމަށް ފަހު، ޖަޕާނުގެ އެންމެ ތަރައްގީ ސިޓީ އެވެ. ތަރައްގީގެ މަގުގައި ޓޯކިއޯއާ އެންމެ ވާދަކުރަނީ ޔޮކަހާމާ އެވެ. ޓޫރިސްޓުންގެ މެދުގައި ވެސް އެ ސިޓީ މަގުބޫލުވެ، އަހަރަކު 800،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޔޮކޮހަމާ އަށް ޒިޔާރަތް ކުރެ އެވެ. ލޭންޑް މާކް ބޮޑެތި ތަންތަން އެ ސިޓީގައި އެބަ ހުއްޓެވެ. ވަރުގަދަ އަދި ޒަމާނީ އާންމު ދަތުރުފަތުރުގެ ނިޒާމާއި އެންމެ ޒަމާނީ ސިއްހީ ޚިދުމަތާއި ބައިނަލްއަގްވާމީ ކަނޑުގެ ބަނދަރުތަކާއި އެތައް ފެކްޓްރީތަކެކެވެ.

ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ލޯ ވެސް ޔޮކަހާމާ އަށް ވަނީ އަމާޒުވެފަ އެވެ. ވެރިރަށް ޓޯކިއޯ ދޫކޮށްލައި، މަޝްހޫރު ނިސާން މޮޓޯ ކުންފުންޏާއި އިތުރު ބައެއް ބޮޑެތި ކުންފުނިތަކުގެ މައި އިދާރާ ޔޮކޮހާމާ އަށް ވަނީ ބަދަލުކޮށްފަ އެވެ.

ޖަޕާނަކީ ކޮބައިކަން ދުނިޔެއަށް ދައްކާލަ ދިން ޔޮކޮހާމާގެ ތާރީޚީ ބަނދަރު މިހާރު ވެސް ބޭނުން ކުރެ އެވެ. ކަނޑުގެ ބަނދަރުތަކާ ބެހޭ ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ އޭޕީއެމް ޓާމިނަލްސް އިން 2013 ގައި ވަނީ، ޔޮކޮހާމާ ބަނދަރަކީ އެންމެ ހަރަކާތްތެރި ކަނޑުގެ ބަނދަރުގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ތަރައްގީގެ ރޮނގުން ޔޮކޮހާމާ ކުރިއަރަމުން ދާއިރު އެ ސިޓީ އަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކުޑައެއް ނޫނެވެ. މުޅި ޖަޕާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ، އުފަންވާ ކުދިންގެ ނިސްބަތް މަދުވެ، މުސްކުޅިންގެ ރޭޓު އިތުރުވެގެން ދިއުމުގެ މައްސަލަ ޔޮކޮހާމާ އަށް ވެސް އެބަ އޮތެވެ. ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖަޕާނުގެ އާބާދީ އިތުރުވުން ވަރަށް ބޮޑުތަން މިހާރު ވަނީ ދަށްވެފަ އެވެ. އަނެއްކޮޅުން ޖަޕާނަކީ އުމުރުން ދުވަސްވީ މީހުން އެންމެ ގިނަ އެއް ގައުމެވެ. އެ ގައުމުގެ އެވްރެޖް އުމުރަކީ 85 އަހަރެވެ.

އާބާދީ އިތުރުވުން މަދުވުމުން، ޔޮކޮހާމާގެ ތަރައްގީ ހަލުވިކަމާ އެކު ކުރިއަށް ގެންދާނެ ރަނގަޅު ޖީލެއް ނުލިބިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ގިނަ މީހުން ދަރިން ނުހޯދާ މައިގަނޑު ސަބަބަކީ ތަރައްގީއާ އެކު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމެވެ. އޭގެ ސަބަބުން، ދަރިން ހޯދަން ބޭނުންވާ މައިންބަފައިން މަދުވެ، އަލަށް އުފަންވާ ކުދިންގެ ރޭޓް ދަނީ ދަށްވަމުންނެވެ.

"ދިރިއުޅުމުގެ އަގުތައް ޓޯކިއޯއާ އަޅާބަލާއިރު ކުޑަވާނެ މިތަނުގައި. އެކަމަކު އެހެން ތަންތަނާ އަޅާބަލާއިރު ނިސްބަތުން އެހާ ކުޑައެއް ވެސް ނުވާނެ. ކޮންމެ ދެމަފިރިއަކީ ކޮންމެ ދުވަހަކު ވަޒީފާއަށް ދާއިރު ދަރިން ނާސިން ހޯމެއްގައި ނުވަތަ އެ މީހުން ބަލަން މީހުން ބޭތިއްބޭނެ ވަރުގެ ތަނަވަސް ބަޔަކަށް ނުވާނެ. މިވެސް ކުޑަ މިސާލެއް. މިކަހަލަ ގިނަ ސަބަބުތައް ހުރީމަ ދަރިން ހޯދަން ބޭނުންވާ މީހުންގެ އަދަދު އެބަ މަދުވޭ،" ޔޮކޮހާމާގެ ކަލްޗަރަލް އެންޑް ޓުއަރިޒަމް ބިއުރޯގެ ޑިރެކްޓާ ޖެނެރަލް ނަކަޔާމާ ވިދާޅުވި އެވެ.

މި ގޮންޖެހުމާ ކުރިމަތިލައި، އެކަމަށް ހައްލެއް ގެންނަން އެ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އާބާދީ އިތުރުކޮށް، އެ ސިޓީގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ އަދަދު އިތުރު ކުރުމަކީ އެއް އަމާޒެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. އޭގެ ނަތީޖާ ކޮންމެވެސް މިންވަރަކަށް ދަނީ ފެންނަމުންނެވެ. ކުރިން ހަމައެކަނި "ނިދަން އަރާ ހާއްޔެއްގެ" ގޮތުގައި އޮތް ޔޮކޮހާމާ އަށް ދިރިއުޅުން ބަދަލުކޮށް، އެތަނުގައި ވަޒަންވެރިވެގެން އެ ސިޓީގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު މަދެއް ނޫނެވެ.

"އަހަރުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ އާބާދީ އިތުރުކުރުން. ބޭރު މީހުން އަދި ޖަޕާނު މީހުންގެ ތެރެއިން ވެސް އިތުރު މީހުން މިތަނުގައި އަބާދުކުރުން، މިހާރު ވެސް އެބަ އުޅޭ 080،00 މީހުން އެކި ގައުމުތަކަށް ނިސްބަތްވާ، އެއީ ހަމައެކަނި ވަޒީފާ އަދާކުރަން ތިބޭ މީހުން،" ނަކަޔާމާ ވިދާޅުވި އެވެ.

މިފަދަ ގޮން ޖެހުންތަކަކީ ޔޮކޮހާމާ އަށް އާ ކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ބޮޑެތި ގޮންޖެހުންތަކަކާ އެ ސިޓީން ވަނީ ކުރިމަތިލައި، ކާމިޔާބު ހޯދައިފަ އެވެ. އެގޮތުން 1923 ގައި ޖަޕާނަށް އައި ބޮޑު ބިން ހެލުމާ އެކު ޔޮކޮހާމާގެ ބޮޑު ބައެއް ސުންނާފަތިވުމުން ރައްޔިތުންގެ އެހީއާ އެކު، އެ ސިޓީ އަލުން އާރާސްތުކުރީ އެންމެ ހަ އަހަރު ތެރޭގަ އެވެ.

އޭގެ 15 އަހަރު ފަހުން 1945 ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ތަނާހެން، އެމެރިކާ އިން ޔޮކޮހާމާ އަށް ބޮން އަޅައި އެ ސިޓީގެ 42 ޕަސެންޓް އިމާރާތް ބިމާހަމަކޮށްލި އެވެ. އެކަމަކު އަނެއްކާވެސް މުޅި އެ ސިޓީ އާރާސްތުކުރީ ގެއްލުން ލިބުނު، ޖަޕާނުގެ އެހެން ސިޓީތަކާ އަޅާބަލާއިރު ދާދި އަވަހަށެވެ. ހަމަ އެ އަހަރު ޔޮކޮހާމާގެ ބޮޑު ބައެއް އެމެރިކާގެ އަސްކަރީ ބޭނުމަށް ހިފުމަކީ ވެސް ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމުން އަރައި ނުގަނެވި އުޅެނިކޮށް، ހަމަ އެ އަހަރު އެ ސިޓީން ދެން ކުރިމަތިލީ ކުއްލި ގޮތަކަށް އާބާދީ އުފުލިގެން ދިއުމުގެ މައްސަލައާ އެވެ. ތަރައްގީއާ އެކު ކުއްލިއަކަށް ކުރިމަތިވި އެ ގޮންޖެހުންތަކުން ވެސް އެ ސިޓީ އަރައިގަތީ ދާދި އަވަހަށެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާ ނަމަ ވެސް އެ ސިޓީ އޮތީ ވަކި ފަހަތުގައެއް ނޫނެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުނީ ޔޮކޮހާމާގެ ނިސާން އިންޓަނޭޝަނަލް ސްޓޭޑިއަމްގަ އެވެ. މިއީ އެ ސިޓީ މިއަދު ވެސް ފަޚުރުވެރިވާ ކަމެކެވެ.

އެ ސިޓީން މިހާރު ތައްޔާރުވަމުން އަންނަނީ ތާރީޚީ މުހިންމު ބައްދަލުވުމަކަށެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 50 ވަނަ އަހަރީ ބައްދަލުވުމުން ބޭއްވުމަށެވެ. އަންނަ މެއި މަހު ބާއްވާ އެ ބައްދަލުވުމަށް އެ ސިޓީން މިހާރު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އޭޑީބީގެ 10 މެމްބަރު ގައުމެއްގެ، ކޮންމެ ގައުމަކުން އެއް ނޫސްވެރިއަކު ޔޮކޮހާމާ އަށް ޒިޔާރަތް ކުރަން ދިން ފުރުސަތަކީ ވެސް އެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ޔޮކޮހާމާ އިން ރޭވި ކަމެކެވެ.

"އަހަރުމެންގެ ބޭނުމަކީ ޔޮކޮހާމާ އިން ހޯދި ތަރައްގީ އާއި އަހަރުމެން ކުރިމަތިލި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތް ގޮތް ތި ބޭފުޅުން މެދުވެރިކޮށް އެހެން ގައުމުތަކާ ހިއްސާ ކުރުން. އަހަރުމެން ގަބޫލުކުރަނީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް،" އޭޑީބީގެ މި އަހަރުގެ އަހަރީ ބައްދަލުވުމުގެ އެގްޒެކެޓިވް ޑައިރެކްޓާ ނައޯޝީ ނަގުރާ، ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އަހަރެމެން ކުރިއަރައިގެން ދާއިރު ކައިރި އެހެން ގައުމުތަކާ އެކު ކުރިއެރުމަކީ މުހިންމު ކަމެއް. ކުރިއަށް ހުރި ގޮންޖެހުންތައް ވެސް އަދި ވަކި ކުޑައެއް ނޫން."

ގިނަ ގޮންޖެހުންތަކާ އެކު، ކުރު މުއްދަތެއްގެ ތެރޭގައި ޔޮކަހާމާ އިން ހޯދި ތަރައްގީއާ މެދު އެ ސިޓީ މިއަދު ވެސް ފަޚުރުވެރިވެ އެވެ. އެ މީހުން ބޭނުންވަނީ އެހެން ގައުމުތަކުން މިސާލެއްގެ ގޮތުގައި އެކަން ނެގުމަށެވެ. އެ މީހުންގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އާބާދީ އިތުރުވުން މަދުވުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމެވެ. އެކަމަކު އެއީ ހަމައެކަނި އެ ސިޓީ އަށް އޮތް ގޮންޖެހުމެއް އެކަންޏެއް ނޫނެވެ.