10 ޖުލައި 2025 - 10:02

މި މަހުގެ 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރޭތޯ އިއްޔެ ކަށަވަރު ކޮށްފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓު ކުރުމަށް ހާއްސަ ޓްރަޔަލްއެއް އިއްޔެ ބޭއްވި ކަމަށެވެ.

އެއީ، އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެ ތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓު ކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނު ކުރުމާއި ހުޅުުވުމުގެ ކުރި އާއި ފަހަށް މުޅި ޓާމިނަލް ތައްޔާރު ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ޕްރޮސެސްގެ ބައެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނާ އެކު ކުރިއަށް ގެންދިޔަ އެ ޓްރަޔަލްގައި މޯލްޑިވިއަން އެއާލައިންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެ އެވެ. އަދި އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަން ވެސް ޓެސްޓުކޮށްފައިވެ އެވެ.
އެ ޓްރަޔަލްގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޓްރަޔަލްގެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންއަށް ވަޑައިގަތީ ވެސް ޝަރީފެވެ.
ޝަރީފުއާ އެކު، އެ ޓްރަޔަލްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ޓްރަޔަލް ނިންމުމަށް ފަހު ޝަރީފް ވިދާޅުވީ މޯލްޑިވިއަން އެއާލައިންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްއެއް ކުރިއަށް ގެންދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ކުންފުނީގެ މުވައްޒަފުން މިހާރު ތިބީ އާ ޓާމިނަލް ހުޅުވުމަށް ވަރަށް ބޮޑަށް ތައްޔާރުވެ، ވަރަށް ގައުމީ ޖޯޝެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔަގީންކުރައްވާ، މިއޮތީ މިކަން ފައްޓާފައި، މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް, ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި, ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި," ޝަރީފް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ނިޔާޒް ވިދާޅުވީ އާ ޓާމިނަލް ހުޅުވަން ވާއިރަށް އެމްއޭސީއެލްއާ ގުޅިގެން ކުރަން ޖެހޭ ގްރައުންޑް އޮޕަރޭޝަންގެ ޓެސްޓުތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
"އުއްމީދަކީ މި އާ ޓަމިނަލަކީ އަޅުގަނޑުމެންގެ ފަސިންޖަރުން އަދި ރައްޔިތުންނަށް ވެސް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ވުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރިތައް ވަމުންނެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކާ އެކު އާ ޓާމިނަލްގެ އޮޕަރޭޝަން ފަށާއިރު، އެމްއޭސީއެލްގެ އަމާޒަކީ މި އަހަރު ޓޫރިސްޓް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.