ވިސާ ނުނަގައި ދިވެހިންނަށް ޑޮމިނިކާއަށް ދެވޭ ގޮތަށް ހަދައިފި
ވިސާ ނުނަގައި ދިވެހިންނަށް ޑޮމިނިކާއަށް ދެވޭ ގޮތަށް ހަދައިފި

ދިވެހިންނަށް ވިސާ އާ ނުލައި ޑޮމޮނިކާއަށް ދިޔުމުގެ މަގުފަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވިސާ ނުނަގައި ދިވެހިންނަށް ޑޮމިނިކާއަށް ދެވޭ ގޮތަށް ހަދައިފި
ވިސާ ނުނަގައި ދިވެހިންނަށް ޑޮމިނިކާއަށް ދެވޭ ގޮތަށް ހަދައިފި

ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރާއި ކޮމަންވެލްތް އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު އިއްޔެ "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަމަންޓްސް ފޯ ދެއާ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ހަމަ އެފަދައިން ޑޮމިނިކާ ރައްޔިތުންނަށް ވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަޓް އެރޮން އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދަނީ ކޮންމެ އަހަރަކު ވެސް ދަމަހައްޓަމުންނެވެ.

މިގޮތުން، ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވޭ ޕާސްޕޯޓުތައް ބަލައިގެން ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ހަތަރު އަހަރު ވެސް ރާއްޖޭން ވަނީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ހޯދައިފަ އެވެ.

ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 90 އަށް ވުރެ ގިނަ ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.