10 ޖުލައި 2025 - 06:25

ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ގަތަރުގައި އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުން އަންނަ ނުސީދާ މަޝްވަރާތަކުގެ ތެރެއިން އަދި އެއްބަސްވުމަކާ ހަމަޔަށް އާދެވުމުގެ ކުރިން އިޒްރޭލުގެ 10 ރަހީނަކު ދޫކޮށްލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.
އެމެރިކާ އާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާތަކުގެ ބޭނުމަކީ 21 މަސް ދުވަސްވީ ހަމަލާތައް 60 ދުވަހަށް މެދުކަނޑާލުމަށް ފަހު ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ހެދުމެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިން އިރު ރަހީނުކުރި މީހުންގެ ތެރެއިން ދިރިހުރި 10 މީހަކު ދޫކޮށްލުން، މިހާރު މަޝްވަރާކުރާ ހުށަހެޅުމުގައި ވެސް ހިމެނޭ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވި އެވެ.
ޣައްޒާއާ ކައިރީގައި އޮންނަ، އިޒްރޭލު ބޯޑަރު ކޮމިއުނިޓީތަކަށް ދިން ހަމަލާގައި ހަމާސް އިން އަތުލައިގަތް 251 މީހުންގެ ތެރެއިން 49 މީހުން އަދިވެސް ޣައްޒާގައި ހިފަހައްޓާފައި އެބަތިބި ކަމަށާއި އޭގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
ރަހީނުންގެ ބަޔަކު މިނިވަންކުރުމާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މަޝްވަރާތަކުގައި އުނދަގޫ ކަންކަން ހައްލު ނުވެ އަދިވެސް ހުރި ގޮތަށް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، މިނިވަންކަމާ އެކު ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ގޮތް ހަމަޖެއްސުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި ދާއިމީކޮށް ސުލްހަ ގާއިމުގެ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ ކަށަވަރުކަން ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
"ދޫދީގެން މިކަމުގައި ކުރިއަށްދިއުމުގެ ނިޔަތް ހާމަކޮށް މި ޖަމާއަތުން 10 ގައިދީއަކު ދޫކޮށްލަން އެއްބަސްވީ" ކަމަށް ހަމާސްގެ ބަޔާނުގައިވެ އެވެ.
"އިސްތިއުމާރީންގެ ހަރުކަށިކަމުގެ ސަބަބުން މިހާތަނަށް މިކަންކަމާ މެދު މަޝްވަރާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވިޔަސް، މެދުވެރިޔަކާ އެކު މި މަސައްކަތްކުރަނީ، އެ ހުރަސްތައް ނައްތާލައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ފިލުވައިދީ، މިނިވަންކަމާއި ރައްކާތެރިކަމާއި ޝަރަފުވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދީ އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އިހްލާސްތެރިކަމާ އެކު މަސައްކަތްކުރުމުގެ ރޫހުގައި އަޅުގަނޑުމެން ދެމިތިބިކަން،" ބަޔާނުގައިވެ އެވެ.
މަޝްވަރާތަކުގައި އިޒްރޭލުން އެމެރިކާގެ ހުށަހެޅުމާ ނުރުހި ދެބަސްވުން ބޮޑުވި ކަމުގެ އިޝާރާތްތަކެއް ކުރިން ވަނީ ލިބިފަ އެވެ. މަޝްވަރާތައް ހަތަރު ވަނަ ދުވަހަކަށް ދެމިގެން ދިޔައީ ޣައްޒާއަށް އެހީ ވެއްދުމުގައި އެމެރިކާއިން އެދޭ ގޮތަށް އިޒްރޭލު އެއްބަސްނުވުމުން ކަމަށްވެ އެވެ.
މަޝްވަރާތައް ކުރިއަށްދާއިރު ވެސް އިޒްރޭލުން ޣައްޒާގައި ދަނީ ވަރުގަދައަށް ހަމަލާ ދެމުންނެވެ. އަދި މިއީ މަޝްވަރާތައް ކާމިޔާބުކުރުމަށް މުހިންމު ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަސްކަރިއްޔާގެ ވެރިން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.