09 ޖުލައި 2025 - 13:19

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން މިއަދު ވައިގެ މަގުން ދިން ދެ ހަމަލާއެއްގައި 20 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި މަދުވެގެން ހަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ފުރަތަމަ ހަމަލާ އަމާޒުކުރީ ދެކުނުގެ ޚާން ޔުނިސްގައި، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް ކަމަށެވެ. ދަންވަރުގެ ވަގުތެއްގައި ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން އުތުރުގައި ހުރި ރެފިއުޖީންގެ ކޭމްޕަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭއެފްޕީން ސުވާލުކުރުމުން އިޒްރޭލު ސިފައިން ބުނީ މިކަން ބަލަމުން އަންނަ ކަމަށެވެ.
ބައްސާލް ވިދާޅުވީ ޚާން ޔުނިސްގެ އަލްމަވާސީ ސަރަހައްދުން ހިޔާވަހިކަން ހޯދަމުން ދިޔަ އެއް އާއިލާއެއްގެ 10 މީހަކު މިއަދުގެ ފުރަތަމަ ހަމަލާގައި ޝަހީދުވި ކަމަށެވެ. ޣައްޒާ ސިޓީ ކައިރީގައި އޮންނަ ކޭމްޕަށް ދިން ދެވަނަ ހަމަލާގައި ވެސް 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަހީދުވި އެންމެން ނިސްބަތްވަނީ ދެ އާއިލާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގެ މީހުން ބުނި ގޮތުގައި މިއީ ވަރަށް ބާރުގަދަ ހަމަލާތަކެކެވެ. ހަމަލާއާ އެކު ބިންހެލުމެއް އައި ފަދަ އިހްސާސެއް ކުރެވުނު ކަމަށް އެ މީހުން ބުންޏެވެ.
އިއްޔެ ވެސް ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި 29 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ. މީގެތެރޭގައި ވެސް، 21 މަސް ދުވަސް ވެފައިވާ މި ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ހިމެނެ އެވެ.
މި ހަމަލާތައް ދީފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވޮޝިންޓަންގައި ބަދަލުކުރަމުން ދަނިކޮށެވެ. އަދި ހަމަ މި ވަގުތު ގަތަރުގައި އަންނަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އަލުން މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.
ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނަތަންޔާހޫ ބުނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން މިނިވަންކުރުމަކީ އިޒްރޭލުގެ އަމާޒު ކަމަށެވެ.
އިޒްރޭލުން މިދިޔަ 21 މަސް ތެރޭގައި ވަނީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.