ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ގުޅޭ ބިލް ދިރާސާކުރަން ކޮމިޓީއަށް
ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ގުޅޭ ބިލް ދިރާސާކުރަން ކޮމިޓީއަށް

ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އެހުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލިހަށް މިއަދު ބަަލައިގަނެ ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.

"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގެ ނަމުގައި ބިލެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ބިލު މަޖިލީހުން ބަަލައިގަތީ 62 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންވެ، އެ ބިލު ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލިހުގެ ރިޔާސަތުން އިއުލާންކުރި އެވެ.

އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބިލެއް މަޖިލީހަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 އިގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަކަށްވާތީ އެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ ވޯޓަކަށް އަހަން ނިންމާފައިވާ އިއުލާން ކުރައްވައިފަ އެވެ. އެ ބަދަލުތައް ގެންނަވާނީ ރައްޔިތުންގެ ވޯޓަކަށް ގޮސް ރައްޔިތުންގެ ހިޔާލާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ ވޯޓަށް އަހަންޖެހެނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ.

ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް ރައީސް އަނބުރާ ބިލު މަޖިލީހަށް ފޮނުވާލައިފި ހާލަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ނިންމަން ޖެހޭ ކަމަށްވެ އެވެ.

ގައުމީ މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދަން ފެންނަ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމަ، އެ ގާނޫނުގެ ދަށުން ހިޔާލު ހޯދަން ވޯޓަށް އެހިދާނެ ކަމަށް ބަޔާންކުރާއިރު އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެމަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވާ ނެރުއްވާ ގަރާރަކުންނެެވެ. އަދި ވޯޓަށް އަހަން ޖެހޭ ހާލަތެއް އޮތް ކަމަށް މަޖިލީހަށް ފެންނަ ހާލަތުގައި ވެސް ގަރާރެއް ފާސްކުރަން ޖެހެ އެވެ.

އެގޮތަށް ގަރާރު ނެރުއްވާއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެ އެވެ.

ވޯޓުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މައްސަލައަކާ މެދު ވޯޓެއް ނަގަން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދަން ހުށަހަޅަން ޖެހެ އެވެ. ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށް އެ ބިލުގައިވެ އެވެ.

ސިއްރު ވޯޓެއްގެ ގޮތުގައި ނަގަން ޖެހޭ އެ ވޯޓުގައި 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެ އެވެ.

އާންމުންގެ ވޯޓަށް އަހަން ފާސްކުރިއިރު ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަކީ އެ މަނިކުފާނު ވަކާލަތު ކުރައްވާ ގޮތް ކަމަށެވެ. އެއީ އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލާ ނިޒާމެކެވެ.

އެހެންވެ، އޭގެ ސަބަބުން ހަރަދުތައް ކުޑަވާނެ ކަމަށް ވިދާޅުވެ، މި ބިލުގެ ބަހުސްގައި ވެސް ޕީއެންސީގެ މެމްބަރުން ވަނީ އެކަމަށް ވަކާލާތުކޮށްފަ އެވެ.