އާލިއާގެ އެކައުންޓުން 77 ލައްކަ ރުޕީސް ވަގަށް ނެގުމުން އޭނާގެ ކުރީގެ އެސިސްޓެންޓް ހައްޔަރުކޮށްފި
އާލިއާގެ އެކައުންޓުން 77 ލައްކަ ރުޕީސް ވަގަށް ނެގުމުން އޭނާގެ ކުރީގެ އެސިސްޓެންޓް ހައްޔަރުކޮށްފި

ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ ބޭންކް އެކައުންޓުން 77 ލައްކަ ރުޕީސް ވަގަށް ނެގިކަމުގެ ތުހުމަތުގައި އޭނާގެ ކުރީގެ ޕާސަނަލް އެސިސްޓެންޓް ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ މުމްބާއީގެ ފުލުހުން އާލިއާގެ ކުރީގެ ޕީއޭ ވެދިކާ ޕްރަކާޝް ޝެއްޓީ ހައްޔަރުކުރީ ބެންގަލޫރުން އިއްޔެ އެވެ. ވެދިކާއަށް ތުހުމަތުކުރަނީ އާލިއާގެ ސޮއި ފޯޖުކޮށްގެން އާލިއާ އާއި އާލިއާގެ ޕްރޮޑަކްޝަން ހައުސް އެޓާނަލް ޝަންޝައިން ޕްރޮޑަކްޝަންގެ ބޭންކް އެކައުންޓުން 77 ލައްކަ ރުޕީސް (1.3 މިލިއަން ރުފިޔާ) ވަގަށް ނެގުމެވެ.

ވެދިކާ ހައްޔަރުކުރީ މި މައްސަލަ ރިޕޯޓްކުރިތާ ފަސް ވަރަކަށް މަސްދުވަސް ފަހުން ކަމަށް ރިޕޯޓްތައް ބުންޏެވެ.

އިންޑިއާގެ ނިއުސް 18ގެ ރިޕޯޓެއްގައި ބުނީ އާލިއާގެ ކުރީގެ ޕީއޭ ވެދިކާ، އާލިއާ އާއި އާލިއާގެ ޕްރޮޑަކްޝަން ހައުސްގެ ބޭންކް އެކައުންޓުން ވެދިކާގެ އަމިއްލަ އެކައުންޓަށް ދެ އަހަރު ދުވަހުގެ ތެރޭގައި، އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަހަރާއި މި އަހަރުގެ ކުރީކޮޅާ ދެމެދުގައި ކަމަށާއި ޖުމްލަ 76،90،892 ރުޕީސްގެ މުއާމަލާތެއް މަކަރާއި ހީލަތުން އޭނާ ހިންގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އެ މައްސަލަ މިދިޔަ ފެބްރުއަރީ މަހު ފުލުހުންނަށް ރިޕޯޓްކުރީ އާލިއާގެ މަންމަ ސޯނީ ރަޒްދާނީ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

މަކަރާއި ހީލަތުގެ މި މައްސަލައާ ގުޅޭ ގޮތުން އާއިލާ ވެސް އަދި އޭނާގެ ޓީމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ވެދިކާ އާލިއާގެ ޕީއޭގެ ގޮތުގައި މަސައްކަތްކުރީ ދެ އަހަރު އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވީ މިދިޔަ އަހަރުގެ ނިޔަލަށެވެ. އާލިއާގެ ވިޔަފާރިގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އިތުރުން އޭނާގެ ޕްރޮޑަކްޝަން ހައުސްގެ ޒިންމާތައް ވެސް ހަވާލުކޮށްފައި ވަނީ ވެދިކާއާ އެވެ.

އާލިއާއަކީ މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.