21 މާޗް 2017 - 17:49

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އަށް ބިރުދެއްކުމުގެ ގޮތުން އޭނާގެ ދަރިފުޅަށް ނިސްބަތްކޮށް އީވާއަށް އިންޒާރުގެ މެސެޖުތަކެއް ފޮނުވާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އީވާ ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދިމާކޮށް އައި އިންޒާރެކެވެ. މި މެސެޖުގެ ކުރިން ވެސް އިންޒާރުގެ ތަފާތު މެސެޖްތައް ލިބެމުން އަންނަ ކަމަށް އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އީވާ "މިހާރު" އަށް ވިދާޅުވީ ދަރިންނަށް އިންޒާރުދީ ވައިބައިން މެސެޖުތަކެއް ކުރި އިރު އެ މެސެޖުތައް އައި ނަންބަރުން އޭނާއަށް 300 ފަހަރު ގުޅާފައިވާ ކަމަށެވެ.
"މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބިރު ދައްކައި، އިންޒާރު ދީފައި ހުރީ،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އިންޒާރު ދިން މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
އީވާ އަށް ބިރު ދައްކައި އިންޒާރު ދިންއިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކާއި ނޫސްވެރިންނަށް ވެސް މަރުގެ އިންޒާރުތަކެއް ފޮނުވި އެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރާ ކަމަށް ބުނި ނަމަވެސް އެކަމާ ބެހޭ މައުލޫމާތެއް މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.