ޗެކުގެ ދެ ދަރިން ފުލަމްގެ އެކަޑަމީގައި
ޗެކުގެ ދެ ދަރިން ފުލަމްގެ އެކަޑަމީގައި

ލަންޑަން (ޖުލައި 9) - ޗެލްސީ އާއި އާސެނަލްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޗެކުގެ އަންހެން ދަރިފުޅަށް ފަހު، ފިރިހެން ދަރިފުޅު ވެސް ފުލަމް އާއެކު ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި އެވެ.

ޗެކުގެ ދެ ދަރިން ފުލަމްގެ އެކަޑަމީގައި
ޗެކުގެ ދެ ދަރިން ފުލަމްގެ އެކަޑަމީގައި

ބައްޕައެކޭ އެއްގޮތަށް އުމުރުން 16 އަހަރުގެ ޑެމިއަން ޗެކަކީ ވެސް ގޯލްކީޕަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރު، އުމުރުން 15 އަހަރުގައި ޗެކް ރިޕަބްލިކްގެ 18 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ޗެކުގެ ދެ ދަރިން ފުލަމްގެ އެކަޑަމީގައި
ޗެކުގެ ދެ ދަރިން ފުލަމްގެ އެކަޑަމީގައި

އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ، އުމުރުން 17 އަހަރުގެ އަޑެލާ ޗެކޯވާއަކީ ފުލަމްގެ ޑިފެންޑަރެކެވެ. މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ ފުރަތަމަ ފަހަރަށް ޗެކް ރިޕަބްލިކް (މިހާރުގެ ނަމުން ޗެކިއާ) ގެ 17 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމަށް ކުޅެފަ އެވެ.

ފުޓްބޯޅަ ކެރިއަރުގެ ކުރިން ޑެމިއަން ޗެކް ވަނީ އިންގްލެންޑްގެ އައިސް ހޮކީ ޓީމެއް ކަމަށްވާ ގިލްޑްފޯޑް ފީނިކްސްގެ ނުވަ އަހަރުން ދަށުގެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ޕީޓާ ޗެކް ވެސް ވަނީ 2019 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާ ކުރުމަށް ފަހު އެ ކްލަބަށް ކުޅެފަ އެވެ.

މިދިޔަ އަހަރު ފުލަމްގެ އެކަޑަމީއާ ގުޅުމުގެ ކުރިން ޑެމިއަން ޗެކް ވަނީ ޗެލްސީގެ އެކަޑަމީގައި ތަމްރީނު ހޯދައިފަ އެވެ. ޗެލްސީއަށް ކުޅުނު ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާގެ ދަރިފުޅު އިސާގޯ ޑަ ސިލްވާއާ އެކު ޑެމިއަން ވަނީ ޗެލްސީގެ އެކަޑަމީގައި ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

ޑެމިއަން އުފަންވީ 2009 ވަނަ އަހަރެވެ. އޭގެ އަހަރެއް ކުރިން އަޑެލާ އުފަންވި އިރު ޗެކު ހުރީ ލީގް ކަޕް ސެމީ ފައިނަލް މެޗެއް ކުޅެން ޗެލްސީއާ އެކު އެވެ. ޕީޓާ ޗެކް 2004 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ފަހުން އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ ލަންޑަނުގަ އެވެ.

ޕްރިމިއާ ލީގުގެ ލެޖެންޑަރީ ގޯލްކީޕަރު ޗެކް ވަނީ ޗެލްސީއާ އެކު ހަތަރު ފަހަތު ލީގު ކާމިޔާބު ކޮށްފަ އެވެ. އޭނާ 2015 ވަނަ އަހަރު އާސެނަލްއާ ގުޅުނީ، ތިބައު ކޯޓުއާ އަށް ޗެލްސީގެ އެއް ނަމްބަރު ކީޕަރުގެ މަގާމު ދިނުމުންނެވެ. އާސެނަލް އާއެކު އެފްއޭ ކަޕް ތައްޓަކާއި ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު އުފުލާލުމަށް ފަހު ޗެކު ރިޓަޔާ ކުރީ 2019 ވަނަ އަހަރެވެ.

ރިޓަޔާ ކުރުމަށް ފަހު ޗެކު ވަނީ ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ. ނަމަވެސް ރޯމަން އަބްރަމޮވިޗް، ޓޮޑް ބޯލީ އާއި ކްލާކް ކެޕިޓަލް އަށް ޗެލްސީ ވިއްކާލުމާ އެކު އޭނާ އެ މަގާމު ވަނީ ދޫކޮށްލައިފަ އެވެ.

ޗެލްސީ އަށް ޕީޓާ ޗެކް ގެނައި ކޯޗު ހޯޒޭ މޮރީނިއޯގެ ފިރިހެން ދަރިފުޅު، މޮރީނިއޯ ޖޫނިއާ ވެސް ވަނީ މީގެ ކުރިން ފުލަމްގެ ޒުވާޏް ޓީމަށް ކުޅެފަ އެވެ. މޮރީނިއޯ ޖޫނިއާ އަކީ ވެސް ގޯލްކީޕަރެކެވެ. އެ ކްލަބްގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު އޭނާ ވަނީ 2017 ވަނަ އަހަރު ރިޓަޔާ ކޮށްފަ އެވެ.