08 ޖުލައި 2025 - 18:02

މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
އެ ވީޑިއޯއިން ފެންނަނީ ޏ. ފުވައްމަލަކު މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ އެއީ މިދިޔަ ހުކުރު ދުވަހު ހުކުރަށްދިޔަ ކުދިންތަކެއް ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.
"އެއީ ދެބުރިއަށް ހުންނަ މިސްކިތެއް. އެކުދިން ސަކަރާތް ޖަހަންވެގެން ހުކުރަށް ގޮސް މައްޗަށް އަރާފައި ކޮށްފައި ހުރި ކަމެއް އެއީ،" އޭނާ ބުންޏެވެ.
އެ ވީޑިއޯއިން ފެންނަނީ ޓިކްޓޮކްގައި މިހާރު ޓްރެންޑުވަމުން އަންނަ ނެށުމަކަށް ފަސް ފިރިހެން ކުދިން ނަށާތަނެވެ.
އިންޑޮނީޝިއާގެ "ޕަކު ޖަލޫރު" ނަމަކަށް ކިޔާ ބޯޓު ރޭހަކުން ފެށުނު އެ ނެށުން ދިވެހިން ވެސް ޓިކްޓޮކްގައި އަންނަނީ ހަދަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތަކަށް ވާއިރު އެތަންތަނުގައި ނަށައި، އެތަންތަނާ ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަންކަން ނޫން ކަމަށެވެ.
"އެ ކުދިންނަށް މިނިސްޓްރީން ނަސޭހަތްތެރިވާނަން. އިންޝާﷲ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.
މިސްކިތް ތެރޭ ނަށާތަން ފެންނަ ވީޑިއޯއާ ގުޅިގެން އާންމުން ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.