08 ޖުލައި 2025 - 14:06

މޫދުގައި ހިނގި އެކި ހާދިސާތަކުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ 112 ޓޫރިސްޓަކު މަރުވެފައިވާ ކަން ރައްޔިތުންގެ މަޖިލީހުގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ޗުއްޓީއަށް ރާއްޖެ އަންނަ ޓޫރިސްޓުން މޫދުގައި މަރުވާ މައްސަލަ މަޖިލީހުގެ ގަވައިދުގެ ކޮމިޓީގައި ފެންމަތިކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ ވިދާޅުވީ ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ފަސް އަހަރުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިއީ ހައްލު ހޯދަން ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް އެހާ ބޮޑަށް އިތުރުވި އިރު ވެސް މިކަމާ ގުޅޭ ގަވާއިދެއް ވޭތުވެދިޔަ ފަސް އަަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް އެކުލަވާނުލެވި އޮތް ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
"މިހާ ބޮޑު ޑިލޭތަކެއް އުޅުމަކީ، ހަމަ ސީރިއަސް ކޮންސާނެއް. މިހާ ހައްސާސް ކަމެއްގައި ގައުމަށް ހަމައެކަނި ބޭރު ފައިސާ ވަންނަ ގޮތް އެއީ ޓޫރިޒަމަކީ. އެހެންވީމަ ހަތަރު އަހަރު ފަސް އަހަރު ސާކިއުލާއެއް ނެރެގެން ހިފަހައްޓާ ލެވޭ ވަރަށް ވުރެ މިއީ އެއަށް ވުރެ މުހިއްމު ކަމަކަށްވާތީ ތިބޭފުޅުންނާ މިވާހަކަ މި ދެކެވެނީ،" ކުޑޫ ވިދާޅުވި އެވެ.
ފުލުހުން އާއްމުކުރި ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މޫދުގެ އެކި ހާދިސާތަކާ ގުޅިގެން މަރުވާ ޓޫރިސްޓުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރުވެފަ އެވެ. އެންމެ ގިނަ ޓޫރިސްޓުން މަރުވީ ގެނބިގެންނެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު އެކަނި ވެސް ގެނބިގެން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވި ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ގެނބުނު ޓޫރިސްޓުންގެ އަދަދު 68 އަށް އަރަ އެވެ. ޑައިވިނާއި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް 42 ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. އަދި ސްނޯކްލިން އާއި ޑައިވިންގައި އުޅެނިކޮށް، އުޅަނދެއްގައި ޖެހިގެން އެކަކު މަރުވެ، ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، އެކްސްކާޝަންތަކަށް ދިއުމާއި މޫދު ހަރަކާތްތަކުގައި އުޅުމުގައި އަމަލުކުރާނެ ގަވައިދެއް ހަދަމުން އަންނަ އިރު މިދިޔަ އަހަރު އެކަމާ ގުޅޭ އެޑްވައިޒަރީއެއް ވެސް އެ މިނިސްޓްރީން ނެރެފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު އަލީ ވިދާޅުވީ މިންގަނޑުތަކެއް ހެދެންދެން ވެސް އެކަމަށް ހައްލު ހޯދަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިންގަނޑުތަކެއް ހެދީ ގަވައިދެއް ހެދެންދެން ވަގުތުން ވަގުތަށް ވެސް ވަކި ޕްރޮޓޮކޯލްތަކެއް ފޮލޯކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް އާ ގަވާއިދުގެ ތެރެއިން ކަންކަން ކުރުމަށް ހިދުމަތްދޭ ފަރާތްތަކަށް މަޖުބޫރު ކުރުވައި، ޒިންމާދާރު ކުރެވޭނެ ގޮޮތްތައް ހަމަޖެހިގެންދާނެ އެވެ.