08 ޖުލައި 2025 - 11:31

އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެ މުބާރާތުގައި ވަކިވަކި ދަރިވަރުން ވާދަކުރި އީއޭއެފްސީ މުބާރާތުގައި ޖުމްލަ 15 ގޭމަރުން ބައިވެރިވި އެވެ. މޮޅު ކުޅުމެއް ދެއްކި ގޭމަރުންގެ ތެރެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިލާ ކޮލެޖުގެ ޔޫސުފް އެވެ. މި މުބާރާތުގެ އެއް ވަނަ ރަނަރަޕްގެ މަގާމު ހޯދީ ޔުނިވާސިޓީ އޮފް އެޑިންބަރާއިން ވާދަކުރި ޒަކްވާން އެވެ. އަދި ދެ ވަނަ ރަނަރަޕް އަކަށް ދިޔައީ ވިލާ ކޮލެޖުގެ ދާއިން އެވެ.

އެ ޗެމްޕިއަންޝިޕްގައި ކުޅުނު ޕަބްޖީ މޮބައިލް މުބާރާތުގައި ހަ ޓީމު ބައިވެރިވި އެވެ.
އޭގެތެރެއިން މުބާރާތުގެ ޗެމްޕިއަން ޓީމުގެ މަގާމު އެމްއެންޔޫބީއެސް އިން ހޯދި އިރު އެއް ވަނަ ރަނަރަޕްގެ މަގާމު ކާމިޔާބު ކުރީ ވިލާ ކޮލެޖެވެ. އަދި ދެ ވަނަ ރަނަރަޕްގެ މަގާމު ހޯދީ އެމްއެންޔޫއެސްބީއެސް - އޯޖީއެސް އެވެ.
އިންޓަ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕްގައި ކުޅުނު މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)ގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރި އެވެ. ވާދަވެރި ކުޅުމަކަށް ފަހު ޗެމްޕިއަންކަން ހޯދީ އެމްއެންޔޫ އެވެ. އަދި އެއް ވަނަ ރަނަރަޕް އަކަށް ޓީމް އެމްއެންޔޫ 2 ހޮވުނު އިރު ދެ ވަނަ ރަނަރަޕްއަކަށް ހޮވުނީ ޓީމް ވިލާ އެވެ.
މި ޗެމްޕިއަންޝިޕްގެ ކޮންމެ މުބާރާތެއްގެ އެއް ވަނަ ޓީމަށް ވެސް އުރީދޫ ނޭޝަންއިން 5000ރ. ހުށަހެޅި އެވެ. އަދި އެއް ވަނަ ރަނަރަޕްއަށް 3000ރ. އަދި ދެ ވަނަ ރަނަރަޕްއަށް 2000ރ. ހުށަހެޅި އެވެ.
އުރީދޫ ނޭޝަން އިން ބުނީ ކޮލެޖުތަކުގެ މެދުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އީސްޕޯޓްސް މުބާރާތަކީ އެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ހުނަރު ތަރައްގީކޮށް، ވާދަވެރި މާހައުލެއްގައި ގޭމިން ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމެވެ. އަދި މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ޓީމްވޯކު އިތުރުވެ، ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭއްވި މުބާރާތެއް ކަމަށް ބުންޏެވެ.
އުރީދޫ ނޭޝަން އަކީ ރާއްޖޭގެ ގޭމިން އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.