ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް 5 ބޭފުޅެއް
ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް 5 ބޭފުޅެއް

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާނެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު ހަމަޖައްސައިފި އެވެ.

އިދާރީ ކަންކަން ބަލަހައްޓަން ފުރަތަމަ ފަހަރަށް އުފެއްދި މަގާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސީ އިސްމާއިލް ސައުދުﷲ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހު އެވެ.

އިއްޔެ ވަނީ ސައުދުﷲ ގެ ދަށުން މަސައްކަތް ކުރައްވާނެ ޑެޕިއުޓީންގެ ގޮތުގައި ތިއްބަވާނެ ފަސް ބޭފުޅުން ވެސް ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފަ އެވެ. އެ ބޭފުޅުންނަކީ:

1. ފަޒްނާ ޔޫސުފު ފާރިގް

2. އަހުމަދު ފައިސަލް

3. މުހައްމަދު ނަޒީމް

4. އާމިނަތު ޒީނިޔާ

5. އަލީ މުފީދު

ސުޕްރިންޓެންޑެންޓުންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބަލައި އެ ކަންކަމުގައި ބައިވެރިވުމާއި ގައުމީ މަންހަޖަށް ލަފާ ދިނުމާއި އަހަރީ ބަޖެޓް ތައްޔާރު ކުރުމާއި ޒޯނު އޮފީސް އަދި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރުން ހިމެނެ އެވެ.

ސްކޫލުތަކާ ގުޅުން އޮންނަ އެންމެންނާ އެކު ރަނގަޅަށް މުއާމަލާތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތްކަން ޔަގީން ކުރުމާއި ޓީޗަރުންނާއި ސްކޫލަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ޔަގީން ކުރުމަކީ ވެސް ސުޕްރިންޓެންޑެންޓުންގެ ޒިންމާއެކެވެ.

ސުޕްރިންޓެންޑެންޓުންނާއި ޑެޕިއުޓީން ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ މަހު ވަނީ ވިދާޅުވެފައި އެވެ.

އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނަކަށް ވާނީ އެ ބޭފުޅުން ހަމަޖެއްސެވި ސްކޫލް އެޑްމިނިސްޓްރޭޝަން ދާއިރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.