08 ޖުލައި 2025 - 23:26

މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް އެ މަގާމުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމަކު ހަވާލުވެ ވަޑައިގަތީ ހާސިލްކުރައްވަން ބޭނުންވި ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައި މައުރީފް ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި މަގާމާ ހަވާލުވެ ވަޑައިގަތް މައުރޫފް ރިޓަޔާކުރައްވަން ނިންމައިވައި އެކަން މުވައްޒަފުންނަށް ވަނީ އަންގަވައިފަ އެވެ. އޭނާގެ މި ނިންމެވުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވިދާޅުވީ މަގާމުގައި ހުންނަވައިގެން ހާސިލްކުރައްވަން ބޭނުންވި ގިނަ ކަންކަން ހަ މަސް ތެރޭ ހާސިލް ވެފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އޭނާއަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ރައީސް ޑރ މުހައްމަދު މުއިއްޒު ހުށަހެޅުއްވީ ވެސް ރިޓަޔާ ކުރައްވަން ނިންމަވައިގެން ހުއްޓާ ކަމަށެވެ.
"ގާތްގަނޑަކަށް ސެމީ ރިޓަޔާ ކޮށްގެން ހުއްޓާ ރައީސް، އާދަޔަ ހިލާފު އެ ފުރުސަތެއް އަޅުގަނޑަށް ދެއްވީ. އަޅުގަނޑަކީ މީގެ ސައްވީސް އަހަރު ކުރިން ހުޅުމާލެ އުފެއްދުމުގެ މަސައްކަތުގައި ވެސް އުޅުނު މީހެއް. ސައްވީސް އަހަރު ފަހުން އެޗްޑީސީގެ އެމްޑީގެ މަގާމު ގަބޫލުކޮށްފާނެތޯ އެއްސެވުމުން އަޅުގަނޑު ބުނީ މިއީ ވަރަށް ޔުނީކް ފުރުސަތެކޭ. އެހެންވެ ދޫކޮށްލާކަށް ނުވާނެއޭ. އެއީ ފުރަތަމަ ހިތަށް އެރި އެއްޗަކީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް، އުމުރުގެ ގޮތުން އެހާ ގިނަ ދުވަހު މަސައްކަތް ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއީ ކުރަން ބޭނުންވެފައި ހުރި ކަމަކަށްވާތީ ފުރުސަތުގެ ބޭނުންހިއްޕެވީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ހަވާލުވިއިރު ވެސް އެހާ ގިނަ ދުވަހު އެ މަގާމުގައި ހުރުމުގެ އިންޓްރެސްޓެއް ވެސް ނެތް. ކިތަންމެ ކުރު ނަމަވެސް މިކަމުގައި އުޅެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެކަން ގަބޫލުކޮށް މަގާމާ މި ހަވާލުވީ. މަގުސަދަކީ ރިޓަޔާ ކުރަން ކައިރިވެފައި ހުއްޓަސް ވެސް، ހަ މަސް ދުވަހުން ވެސް ޓާގެޓް ހާސިލް ވެދާނޭ،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެތަނުގެ ލޭންޑްޔޫޒް ޕްލޭން. އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުން. މިހަކަލަ ލަނޑުދަނޑިތަކެއް ހުރި. އޭގެ ގިނަ ކަންތައްތައް މިހާރު އެ ހުރީ ހާސިލް ވެފައި. އެހެންވެ ރިޓަޔާކުރުން އެއީ ރަނގަޅު ކަމެއް އަޅުގަނޑު މި އުމުރަށް ދާއިރު."
މައުރޫފް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ރިޓަޔާ ކުރެއްވި ނަމަވެސް އެ ކުންފުންޏާ އެއްކޮށް ދުރަށް ވަޑައިގަތުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މައުރޫފު ވިދާޅުވީ އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރެއްވުމަށް ފަހު ވެސް އެޗްޑީސީގެ އެޑްވައިޒަރީ މަގާމެއް ފުރުއްވުމުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.
"އަޅުގަނޑުގެ އިންޓެންޝަނަކީ އެޑްވައިޒަރީ ކަހަލަ މަގާމެއްގައި ހުރުން. މަގާމުން ރިޓަޔާ ކުރިޔަސް އަޅުގަނޑުގެ އިންޓެންޝަނަކީ ހުޅުމާލެ އަދި އެޗްޑީސީ ނުވަތަ އެ ދާއިރާގައި އުޅުން. އެހެން ދާއިރާތަކަށް، ޑިވެލޮޕްމެންޓަށް ވެސް ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ އަޅުގަނޑުގެ ޕްރޮފެޝަނަަލް ދާއިރާއިން ވެސް. އެއްކޮށް ހުއްޓާލަނީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ރިޓަޔާ ކުރައްވަނީ ކުރިމަތިވި ޕްރެޝަރުތަކެއްގެ ސަބަބުން ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ޝޯގެ ޕްރެޒެންޓަރު ސުވާލުކުރި އެވެ.
"މި މަގާމަކީ ވަރަށް ޕްރެޝަރު ބޮޑު މަގާމެއް. ވޯކް ލޯޑު، ސްކޭލް އޮފް އޮޕަރޭޝަން، އެކަނި ވެސް އެއީ ވަރަށް ބޮޑު ޕްރެޝަރެއް. މިކަހަލަ މަގާމެއްގައި ހުންނައިރު ހުންނާނެ ހުރިހާ ކަހަލަ ޕްރެޝަރެއް ވެސް. މަގާމާ އެކީގައި އަންނަ އެއްޗެއް އެއީ،" މައުރޫފު ޖަވާބު ދެއްވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މައުރޫފް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަަލަތަކެއްގެ ތަހުގީގު ފެށުމާ އެކު އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.