ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިއަކަށް ސްކާލެޓް ވެއްޖެ
ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިއަކަށް ސްކާލެޓް ވެއްޖެ

ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިއަކަށް އެެމެރިކާގެ އެކްޓްރެސް ސްކާލެޓް ޖޮހާންސަން ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ސްކާލެޓަށް މި ކާމިޔާބީ ލިބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އޭނާގެ އާ ފިލްމު "ޖުރެސިކް ވޯލްޑް ރީބާތު"އަށް ލިބޭ ތަރުހީބު ބޮޑުވުމުންނެވެ.

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "ޖުރެސިކް ވޯލްޑް ރީބާތު"އަށް އެންމެ ހަ ދުވަހުގެ ތެރޭގައި ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 318 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ބޮކްސް އޮފީސްގެ ޓްރެކިން ސައިޓް "ދަ ނަންބާސް"ގެ ރިޕޯޓެއްގައި ބުނީ "ޖުރެސިކް ވޯލްޑް ރީބާތު"އަށް މިހާތަނަށް ލިބުނު އާމްދަނީއާއެކު ސްކާލެޓް ކުޅުނު ފިލްމަތަކަށް ލިބުނު ޖުމްލަ އާމްދަނީ 14.8 ބިލިއަން ޑޮލަރަށް މިހާރު އަރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އޭނާ ލީޑު ރޯލާއި ސަޕޯޓިން ރޯލު ކުޅުނު 55 ފިލްމެއްގެ އާމްދަނީ ހިމެނެ އެވެ.

ސްކާލެޓަށް ބޮކްސް އޮފީހުގައި އެހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ފަހަތުގައި އަސްލު އޮތީ އޭނާ މާވެލް ސިނެމަޓިން ޔުނިވާސްއަށް ކުޅުނު ފިލްމުތަކެވެ. މާވެލްގެ ބްލެކް ވިޑޯގެ ރޯލު ހަތަރު ފިލްމެއްގައި އޭނާ ކުޅުނެވެ. އެ ހަތަރު ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 8.7 ބިލިއަން ޑޮލަރަށް އަރަ އެވެ.

ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރީގެ މަގާމު ސްކާލެޓް ހޯދީ އެމެރިކާގެ އެކްޓަރު ސެމިއުލް އެލް ޖެކްސަން ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.

ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގެ ގަދަ 10 ގައި ސްކާލެޓާއި ޖެކްސަނަށް ފަހުގައި ދެން ހިމެނެނީ ރޮބާޓް ޑައުނީ ޖޫނިއާ، ޒޯއީ ސެލްޑޭނާ، ކްރިސް ޕްރެޓް، ޓޮމް ކްރޫޒް، ކްރިސް އެވަންސް، ވިން ޑީސެލް، ކްރިސް ހެމްސްވޯތު އަދި ބްރެޑްލީ ކޫޕާ އެވެ.