08 ޖުލައި 2025 - 10:35

ލޭގެ ބަލިތަކަށް އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރުގައި ފަރުވާ ދޭން ތައްޔާރުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ، ލޭގެ ބަލިތަކުގެ ތަޖުރިބާކާރު އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. ސަޗިންނާ އެކު، ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން އިއްޔެ ސޮއިކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ތެލެސީމިއާ އާއި ލެއާ ގުޅުން ހުރި އެކި މައްސަލަތަކަށް މި ވަގުތު އެކަށީގެންވާ ފަރުވާ އެ ހޮސްޕިޓަލުން ނުލިބޭ ކަމަށެވެ. އެހެންވެ، ގިނަ މީހުން ފަރުވާ ހޯދަން ދަނީ އަމިއްލަ ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މީގެ ކުރިން ތެލެސީމިއާ ސެންޓަރުގައި މަސައްކަތްކުރެއްވި އެވެ. ނަމަވެސް، މި ވަގުތު އެކަމަށް ހާއްސަ ފަރުވާއެއް ނުލިބެ އެވެ. އަދި ސަރުކާރުގެ އެހެން ހޮސްޕިޓަލެއްގައި ވެސް ހެމަޓޮލޮޖިސްޓެއް މި ވަގުތަކު ނެތެވެ.
ވިޒިޓިން ޑޮކްޓަރު ކޮންމެ މަހަކު ވެސް އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރުގައި ކުޑަ ދުވަސްކޮޅަކު މަސައްކަތްކުރައްވާނެ އެވެ. އެ މުއްދަތުގައި އޯޕީޑީގައި މީހުން ބެލުމާއި އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ފަރުވާ ދިނުން ކުރިއަށް ގެންދާނެ އެވެ. ތެލެސީމިއާ މީހުންނާއި ލޭގެ ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެކަށީގެންވާ ފަރުވާ އެ ޑޮކްޓަރުގެ ބެލުމުގެ ދަށުން ދޭނެ އެވެ.
ޝާހު ވިދާޅުވީ ދިގުމުއްދަތުގެ ޕްލޭނަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ހުރިހާ ފަރުވާއެއް އައިޖީއެމްއެޗްގައި ދިނުން ކަމަށެވެ.
"ރަނގަޅު ހެމަޓޮލިޖީ ޑިޕާޓްމަންޓެއް އުފެއްދުން ޕްލޭނަކީ. އޭގެ އަސްލު ބިންގާ މި އެޅިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ފަރުވާ ދޭން ފެށުމުން އެކަމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ. އަދި ޑޮކްޓަރު ރާއްޖޭގައި ނެތް ދުވަސްކޮޅު ވެސް ޓެލެ-މެޑިސިން މެދުވެރިކޮށް ހިދުމަތް ލިބޭނެ ގޮތް ގޮތްތައް ހަމަޖައްސާނެ ކަމަށް ޝާހު ވިދާޅުވި އެވެ.