ޣައްޒާގައި އިޒްރޭލު ސިފައިންގެ ފަސް މީހަކު މަރާލައިފި
ޣައްޒާގައި އިޒްރޭލު ސިފައިންގެ ފަސް މީހަކު މަރާލައިފި

ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ސިފައިންގެ ފަސް މީހަކު މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފި އެވެ.

ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް ގަތަރުގައި އަލުން ފަށާފައި ވަނިކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ ފަސް މީހަކު މަރުވެ އިތުރު ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބައިތު ހަނޫންގައި އިޒްރޭލު ސިފައިން ގޮވައިގެން ދަތުރުކުރި އަސްކަރީ ވެހިކަލެއް ގޮއްވާލައިގެން ދިން މި ހަމަލާގައި މަދުވެގެން ހަ މީހަކު ވަނީ މަރާލައިފަ އެވެ. އަދި ސިފައިންގެ އެކަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ހަމަލާއަށް ފަހު ސިފައިންނަށް އެހީވާން ދިޔަ ޓީމަށް ވެސް އިތުރު ހަމަލާއެއް ދީފައިވެ އެވެ.

އަލް ޖަޒީރާއިން ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ އިޒްރޭލު ސިފައިންގެ ވަރުގަދަ ޔުނިޓެއް ކަމަށްވާ "ޔަހަލޮމް" އަށެވެ. މިއީ ގޮވާތަކެތި ނައްތާލުމާއި އިމާރާތްތައް ތަޅައި ސުންނާފަތި ކުރުމުގައި އިސްކޮށް އުޅޭ ޔުނިޓެކެވެ.

އިޒްރޭލު ސިފައިން ވަނީ މަރުވި މީހުންނާއި އަނިޔާވި މީހުން ގެންދަން ހެލިކޮޕްޓަރުތައް ވެސް ފޮނުވައިފަ އެވެ. އަދި އެ ވަގުތު ވަރުގަދައަށް ހަމަލާދެމުން ދިޔަ ކަމަށާއި އެތައް ވެހިކަލެއްގައި ރޯވެ އަނދަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ޖޫން މަހަކީ ޣައްޒާގައި މިހާރު ދެމުންދާ ހަމަލާތައް ފެށި ފަހުން އިޒްރޭލު ސިފައިން އެންމެ ގިނައިން މަރުވި މަހެވެ. ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ތެރެއިން މަދުވެގެން 20 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. މީގެ 10 ދުވަސް ކުރިން ވެސް ވަރުގަދަ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ހަ މީހަކު މަރާލާފައިވެ އެވެ.