07 ޖުލައި 2025 - 21:46

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން ހަވާލުކޮށްފައިވަނީ އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ދޮގުކޮށްފި އެވެ.
އެ ތުހުމަތުކޮށް ފަތުރަމުންދާ ޚަބަރަކާ ގުޅިގެން، އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލާ ގުޅުން ހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ.
"ވަކިން ހާއްސަކޮށް، ރާއްޖެ ޓީވީން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާ ކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
މިފަދަ ސާބިތު ނުހިފޭ، ހަގީގަތާ ހިލާފު އަދި ކުންފުންޏާ މެދު އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަމުން ގެންދާ ވާހަކަ އެމްއޭސީއެލް އިން ބުންޏެވެ.
"އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ގާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި މި ކުންފުނިން މަސައްކަތް ފަށާފައިވާ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
ވީއައިއޭ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި މަހުގެ 26 ގައި ފާހަގަކުރާ މިނިވަން ދުވަހު، އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން އެމްއޭސީއެލް ވަނީ ނިންމައިފަ އެވެ.