07 ޖުލައި 2025 - 20:55

އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން މި ދުވަސްވަރު ގިނަވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިރޭ ބުނެފި އެވެ.
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދެއްކުމުން އާންމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް އޭއީއެޗުން މިދިޔަ ބުދަ ދުވަހު ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
އޭއީއެޗުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އިބްރާހިމް ޔާސިރު އަހްމަދު މިރޭ "މިހާރު" އަށް ވިދާޅުވީ އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވުމުން އެ ހޮސްޕިޓަލުގައި ފުލޫ ކްލިނެއް ހުޅުވައިގެން މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ.
އެކަމަކު، އޭނާ ވިދާޅުވީ ރޯގާ އާއި އިންފްލުއެންޒާ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
"މި ވަގުތު އެޑްމިޓްކޮށްގެން ހަ މީހަކަށް އަންނަނީ ފަރުވާދެމުން،" އޭނާ ވިދާޅުވި އެވެ.
ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވެސް މިހާރު މަޑުމަޑުން ދަށްވަމުން އަންނަކަން ފާހަގަވާ ކަމަށް ޑރ. ޔާސިރު ވިދާޅުވި އެވެ.
ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާއިރު ބަލިމީހާއާ އެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުމަށާއި ބަލި މީހުންނަށް ޒިޔާރަތްކުރަން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމަށް އޭއީއެޗް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.