07 ޖުލައި 2025 - 19:40

މާލޭގައި ވަގަށް ގެންދިޔަ 69 ސައިކަލު މިދިޔަ މަހު ހޯދި ކަމަށާއި އޭގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ މާލޭގެ ފްރަންޓްލައިން ޕޮލިސިން ޑިޕާޓްމަންޓަކުން މިދިޔަ މަހު ކުރި މަސައްކަތުން ރިވަކާ ކުރެވުނު މުދަލުގެ ރިކޯޑުތައް ހިމަނައިފަ އެވެ.
އޭގައިވާ ގޮތުގައި، ވަގަށް ގެންދިޔަ 69 ސައިކަލެއް ފުލުހުން މިދިޔަ މަހު ހޯދާފައިވެ އެވެ. އަދި އެ ހުރިހާ ސައިކަލެއްގެ އަގު 3،303،429ރ. އަށް އަރަ އެވެ.
ވަގަށް ގެންދިޔަ 29 ފޯނު ވެސް ފުލުހުން ހޯދާފައިވެ އެވެ. އެ ފޯނުތަކުގެ އަގު 202،375ރ. އަށް އަރަ އެވެ.
ފުލުހުން ބުނީ ވަގަށް ގެންދިޔަ 406،098ރ. ގެ ނަގުދު ފައިސާ އާއި 80،400ރ. ގެ އިލެކްޓްރޯނިކް ސަމާނު ވެސް ހޯދާފައިވާ ކަމަށެވެ. އަދި ވަގަށް ގެންދިޔަ 110،263ރ. ގެ އަގުހުރި އެހެނިހެން މުދާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީންނާ ގުޅުންހުރި ބައެއް މައްސަލަތަކުގައި ހިފެހެއްޓި މީހުންގެ ތެރެއިން 30 މީހަކު ފުލުހުން ވަނީ މޯލްޑިވްސް އިމިގްރޭޝަންއާ ވެސް ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނީ މިދިޔަ މަހު 45،380 ތަނެއް ޗެކްކޮށްފައިވާއިރު، 5،015 މީހުން މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،833 މީހުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.