"ހާފް ގާލްފްރެންޑް" އަކީ "އާޝިގީ 2" ކަހަލަ ފިލްމެއް ނޫން: ޑައިރެކްޓަރު
"ހާފް ގާލްފްރެންޑް" އަކީ "އާޝިގީ 2" ކަހަލަ ފިލްމެއް ނޫން: ޑައިރެކްޓަރު

ލޯބީގެ އަސަރުގަދަ ވާހަކަތަކަށް ތައްޔާރުކުރާ ފިލްމު ތަކަކީ ޑައިރެކްޓަރު މޯހިރު ސޫރީގެ ކުޅަދާނަކަން އެންމެ ފުރިހަމައަށް ފެނިގެންދާ ފިލްމުތަކެވެ. "އާވާރާޕަން" އާއި "އާޝިގީ 2" އަކީ މޯހިތު އުފެއްދި އެންމެ ރީތި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.

ނަމަވެސް މޯހިތު މިހާރު އުފައްދަމުންދާ "ހާފް ގާލްފްރެންޑް" އަކީ އޭނާ ކުރިން އުފެއްދި ލޯބީގެ ފިލްމުތަކަށް ވުރެ ތަންކޮޅެއް މަޖާ ކަންތައްތައް ހިމެނޭ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

މޯހިތު އެންމެ ފަހުން އުފެއްދި ވިދްޔާ ބާލަން އާއި އިމްރާން ހާޝިމީ ތަރިންގެ ގޮތުގައި ހިމެނުނު "ހަމާރީ އަދޫރީ ކަހާނީ" އަށް ބޮކްސް އޮފީހުގައި ނާކާމިޔާބު ވެފައި ވިޔަސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމަކީ މަހޭޝް ބަޓް ތަންކޮޅެއް ކުރިން ލިޔެފައި އޮތް ސްކްރިޕްޓެކެވެ. އަދި އޭނާ ކޮންމެހެންވެސް އެ ފިލްމު އުފައްދަން ބޭނުންވާތީ އެކަން ކޮށްދިނީ އެވެ.

"ހަމާރީ އަދޫރީ ކަހާނީ" ގެ ވާހަކައަކީ މަހޭޝް ބަޓްގެ މަންމައަށް ދިމާވި ލޯބީގެ ހާދިސަތަކެއްގެ މައްޗަށް އުފެއްދި ފިލްމެކެވެ.

މޯހިތު ބުނި ގޮތުގައި އޭނާ މިހާރު އުފައްދަމުންދާ އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ހާފް ގާލްފްރެންޑް" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު "ހާފް ގާލްފްރެންޑް" ވާހަކައިގެ މައްޗަށް އުފައްދާ ފިލްމެކެވެ. އަންނަ މޭ މަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމަކީ ފަގީރު ފިރިހެންކުއްޖަކާއި މުއްސަނދި އަންހެންކުއްޖެއްގެ ލޯތްބަށް މުޖުތަމައުން އަޅާ ހުރަސްތައް ވަރަށް ފުރިހަމައަށް ފެނިގެންދާނެ ފިލްމެކެވެ.