07 ޖުލައި 2025 - 15:13

ސިފައިންގެ ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދުގައި މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯޝާ އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ސިފައިންގެ ސިވެކްގެ ކޮޅުވެއްޓި ބަންޑުންޖަހާލައި ހިނގި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީގެ މަޢުލޫމާތު ހާމަކުރުމަށާއި އަދި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ގޮވާލާ ކަމަށެވެ.
ސިފައިންގެ މީހަކު މަރުވެ، ބިދޭސީއަކު ގެއްލުނު އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ފަސްޖެހެމުން ދާތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މޯޝާ އިން ފާހަގަކުރިގޮތުގައި އެ އުޅަނދުގައި ހަ މީހަކު ތިބި ކަމަށާއި އެއީ ސިފައިންގެ ތިން އޮފިސަރުންނާއި ތިން ބިދޭސީއެކެވެ. ގެއްލުނު ބިދޭސީ މީހާ މި ހާދިސާ ހިނގި ވަގުތު ހުރީ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް ދީފައިވާ މައުލޫމާތްތަކުން އެނގޭ ކަމަށް މޯޝާ އިން ބުންޏެވެ.
ނަމަވެސް، ގެއްލުނު ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު ފަދަ އަސާސީ މައުލޫމާތު ވެސް ސިފައިން ހާމަކޮށްފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަދި މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނާ ހިލާފުވުން ކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށް ބުންޏެވެ.
މޯޝާ އިން ބުނި ގޮތުގައި، މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނުގައި ޔުނީފޯމްޑް ވުޒާރާތައް އިސްތިސްނާވި ކަމުގައި ވިޔަސް، އާންމު މީހުން ހިމެނޭ މަސައްކަތުގެ މާހައުލުގެ ހާދިސާތައް ތަހުގީގުކޮށް ހާމަކުރުމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެހެންވެ. މި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީގެ މައުލޫމާތު ހާމަކުރުމަށާއި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.
"އެހެންކަމާއެކު، ކަމުގެ ކަންބޮޑުވުން ހުރި މިންވަރަށް ބަލައި، ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މި އެސޯސީއެޝަނުން އިލްތިމާސްކުރަމެވެ،" މޯޝާގެ ބަޔާނުގައި ބުންޏެވެ.
މޯޝާ އިން ބުނީ މިފަދަ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ އާންމު މީހާގެ ހައްގުތައް ގެއްލިގެން ނުވާނެ ކަމަށެވެ. އަދި ޖަވާބުދާރީވުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ލޭބާ ރިލޭޝަންސް އޮތޯރީޓީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށް އެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަކުރުމަށާއި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލައިފަ އެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދިޔަވެ، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެމްއެންޑީއެފުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ، އެ އުޅަނދުގެ ފަޅުވެރިޔަކަށް އުޅުނު ބިދޭސީ މީހަކު ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދޫ، ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.