07 ޖުލައި 2025 - 20:11

ކުށުގެ ރެކޯޑު އޮތް 4،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި މިދިޔަ މަހު ސުވާލުކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 1،037 ގަޑިއިރާއި 48 މިނެޓު ފައިމަގުގައި ފުލުހުން ޕެޓްރޯލުކޮށްފައި ވެ އެވެ.
އެ މުއްދަތުގެ ތެރޭގައި 45،380 ތަނެއް ޗެކްކޮށްފައިވެ އެވެ.
މިދިޔަ މަހު 5،015 މީހުން ހުއްޓުވައި ސުވާލު ކޮށްފައި ވާއިރު އެންމެ ގިނައީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ތެރެއިން ކުށުގެ ރެކޯޑު ނެތީ އެންމެ 182 މީހުންގެ އެވެ. ބާކީތިބި 4،833 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ވަނީ ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވެ، ޓްރެފިކް ބާރުބޮޑުވާ ވަގުތާއި ގޭންގުތަކުން އުޅޭ ތަންތަނުގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށްފަ އެވެ.