07 ޖުލައި 2025 - 16:12

ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބުނު މީހުންނާ އެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލައި އާ އެއްބަސްވުންތަކެއް ހަދަން އުޅޭތީ އޭގައި ސޮއި ނުކުރަން ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން އެދިއްޖެ އެވެ.

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.
ކުރީގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓަރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބުނީ، މިހާރު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކުރަން ނުދިއުމަކީ އެ އެސޯސިއޭޝަނުގެ އެދުމެއް ކަމަށާއި ވީހާވެސް އަވަހަކަށް އެ އެއްބަސްވުމުގެ ކަންކަން ބަދަލުކޮށް ކުރީގެ އެއްބަސްވުމާ އެއްގޮތަށް ބަދަލުކުރެވޭތޯ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އެސޯސިއޭޝަނުގެ ފަރާތުން ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ، ގޯތި ލިބުނު މީހުންނާ އެކު، އެއްބަސްވުން ހަދައި ހުރިހާ އިޖުރާތްތަކެއް ފުރިހަމަކޮށްފައި އޮއްވައި 2023 ވަނަ އަހަރުގެ ރިޔާސީ ދައުރު ބަދަލުވުމާ އެކު އެއްބަސްވުން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލަ އުފަންވީ ސިޓީ އަކުން ކަމަށާއި އޭގައި ވަނީ ލޭންޑް ޔޫސް ޕްލޭނަކާ ގުޅިގެން ކުރިން ހެދި އެގްރީމެންޓްތައް ބާތިލުކުރަން ކަމަށެވެ.
ނިޝާން ވިދާޅުވި ގޮތުގައި ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ މާލޭ ސަރަހައްދުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ނަމަ އެތަން ދޫކޮށްލަން ޖެހެ އެވެ. އެކަމަކު މިހާރު ގެނައި ބަދަލާ އެކު، އޭގައި ވަނީ ރާއްޖޭގައި ވެސް އެ މިންވަރުގެ ބިމެއް އޮތް ނަމަ ދޫކޮށްލަން ޖެހޭ ގޮތަށް ޝަރުތު ކޮށްފައި ކަމަށް ވިދާޅުވި އެވެ.
މިހާރު އެ އަންނަ ގާނޫނީ ފުށުއެރުމަކީ ރަޖިސްޓަރީ ހައްދައި ސޮއިކޮށްފައިވާ އެގްރީމަންޓްގެ ދަށުން ބައެއް މީހުންނަށް ބިން ނުލިބިދާނެ ހާލަތެއް ވެސް ކުރިމަތިވުން ކަމަށާއި އަދި އެގްރީމެންޓްތައް ބާތިލުކޮށް، މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ބިން ބަދަލުކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.
އެކަން ކުރަމުން އަންނަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުން ނިޝާން ވިދާޅުވީ އެއީ ގާނޫނީ ހަމަތަކުގެ ދަށުން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި މީހެއްގެ ރުހުމަކާ ނުލާ، އެމީހެއްގެ މުދާ ދައުލަތަށް ނަގައިގެންނުވާނެ ކަމާއި އެގޮތަށް ނެގޭ ނަމަ ކުރެވޭނީ ކޯޓުން ކަމަށް ބަޔާންކުރާ ކަމަށެވެ. އަދި ކޯޓުން ނަގާއިރު ވެސް އެމީހަކަށް ބަދަލު ދޭން އޮންނަ ކަމަށް ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ މީހަކަށް ރަޖިސްޓަރީ ހަދައި އެގްރީމެންޓްކޮށް ބިމެއް ހަވާލުކުރުމާ އެކު އެތަނަށް ދައުލަތުގެ ބާރު ކެނޑުނީ ކަމަށެވެެ.
"ގާނޫނު ގަބޫލުކުރާ އިން ފާރަކީ މީހަކަށް ރަޖިސްޓްރީއެއް ހަދައިދީފައި އެހްރީމެންޓް ހަދާފައި ދޭ ހިސާބުން ފެށިގެން ދައުލަތުގެ ހިޔާވެހި ކަމުން ނެއްޓިގެން ދިޔައީ."
މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން ޖޫން 26، 2022 ގައި ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ ފުށުއަރަ އެވެ. އާންމުންގެ ކަންބޮޑުވުން އޮތީ އެ މައްސަލާގަ އެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.
އެ މައްސަލާގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ބިމާ ބެހޭ ގާނޫނާ ފުށުއަރާތީ ކަމަށެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.