07 ޖުލައި 2025 - 12:50

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" މިއަދު ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު، ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން އިއްޔެ ފުރުސަތު ހުޅުވާލި "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ފެށުމުގެ ގޮތުން އެ ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިޔަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވާ ކަމަށެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ވާދަކޮށް، "ޓޫ އޮފް އަސް"އަށް ވަނީ އެ މުބާރާތުން ތިންވަނަ ލިބިފަ އެވެ. އެ ބޭންޑަށް ގިނަ ބައެއްގެ ލޯބި ލިބި، މަޝްހޫރުވީ ވެސް އެ މުބާރާތުންނެވެ.
އެ މުބާރާތުން ލިބުނު މަޝްހޫރުކަމުގެ އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ވެސް ބާއްވައިފަ އެވެ. އޭގެ ފަހުން މާލެ އާއި ރަށްރަށުގައި ވެސް އެ ބޭންޑުން ޝޯތައް ދީފައިވެ އެވެ. އަދި މިފަހަރު ބޮޑު އީދުގައި ރަށްރަށުގައި ޝޯ ދިނުމަށް އެންމެ ޑިމާންޑު ބޮޑުވީ ވެސް އެ ބޭންޑަށެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ 19 ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ބޭންޑަށް މިހާރު ވަނީ ލިބިފަ އެވެ.
އެމްއެމްޕީއާރުސީން "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.
އޭގެ މަގުސަދަކީ އެކި ދާއިރާތަކުން ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ކުރިއަރުވަން ޝައުގުވެރިވާ މީހުންނާއެކު މަސައްކަތްކޮށް، ދިވެހި ސަގާފަތާއި ތަރިކަ އާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.