މުސިއާލާ އަށް މި އަހަރު ނިމުމުގެ ކުރިން އެނބުރި އާދެވިދާނެ
މުސިއާލާ އަށް މި އަހަރު ނިމުމުގެ ކުރިން އެނބުރި އާދެވިދާނެ

ފީފާ ކްލަބް ވޯލްޑް ކަޕުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ފަޔަށް ސީރިއަސް ހާނިއްކައެއްވެފައިވާ ބަޔާން މިއުނިކުގެ ޕްލޭމޭކަރު ޖަމާލް މުސިއާލާ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ހަތަރު މަހާއި، ފަސް މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ އަތުން 2-0 އިން ބެޔާން ބަލިވި މެޗުގައި، ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއާ މުޑިއަރައި ވެއްޓި މުސިއާލާގެ ވާތު ފައިގެ ކުޑަހުޅު ނެއްޓި، އެ ދިމާލުން ކަށިގަނޑެއް ވަނީ ބިނދިފަ އެވެ.

ކުރިން ބެލެވިފައި އޮތީ މި އަނިޔާގެ ސަބަބުން މުސިއާލާ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި މި ހާނިއްކައިގެ ސަބަބުން އޭނާގެ ކެރިއަރަށް ވެސް ހިޔަނި އެޅިދާނެ ކަމަށް ބައެއް މީހުން ލަފާކުރި އެވެ.

އެކަމަކު ޖަރުމަނުގެ ބައެއް ނޫސްތަކުން ބުނީ އޭނާ އެންމެ ގިނަ ވެގެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ފަސް މަސް ދުވަހު ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އޭނާ އަށް އަލުން ދަނޑަށް ނުކުމެވޭނެ ކަމަށެވެ.
މުސިއާލާ ވަނީ އިއްޔެ އެނބުރި މިއުނިކަށް ގޮސްފަ އެވެ. އެކަމަކު އޭނާގެ ސާޖަރީ ކުރާނެ ދުވަހެއް ނޭގެ އެވެ.
މުސިއާލާ، 22، ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތާ ބެހޭގޮތުން ބެޔާނުން ސީދާ ޖަވާބެއް ނުދެ އެވެ. އެ ކްލަބުން ހަމައެކަނި ބުނީ އޭނާ ދިގު މުއްދަތެއް ވަންދެން ނުކުޅެ ހުންނަން ޖެހޭނެ ކަމަށެވެ.

"މި ސީރިއަސް އަނިޔާ އާއި، ކުޅުމާ ދުރުގައި ހުންނަން ޖެހޭ ދިގު މުއްދަތަކާއި ޖަމާލް އަށާއި، އަހަރެމެންނަށް ވެސް ލިބުނު ޝޮކެއް،" ބެޔާނުގެ ސްޕޯޓިން ޑިރެކްޓަރު މެކްސް އެބޭލް ބުންޏެވެ.
"އެންމެންނަށް ވެސް އެނގޭ ޖަމާލަކީ އަހަރެމެންގެ ގޭމް ޕްލޭނުގެ ކިހާ މުހިއްމު ކުޅުންތެރިއެއްކަމާއި، މި ޓީމުގައި އޭނާގެ ދައުރު."

މެކްސް ބުނީ އަނިޔާގައި ހުރެފައި އެނބުރި އައި ތަނުން އިތުރު އަނިޔާއެއްވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ނަފުސާނީ ގޮތުން ވެސް ލިބޭނެ ގެއްލުމެއް ކަމަށާއި، މުސިއާލާ އަށް ކްލަބުން ފުރިހަމަ ސަޕޯޓްދޭނެ ކަމަށެވެ.

މުސިއާލާ އަށް މިދިޔަ ސީޒަނުގެ ފަހުކޮޅު ފަލަމަސްގަނޑަށް އަނިޔާގެ މުހިއްމު މެޗުތަކެއް ގެއްލުނެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އިންޓަ މިލާން އަތުން ބެޔާން ބަލިވިއިރު އޭނާ އަށް ކުޅޭވޭ ގޮތެއް ނުވި އެވެ. އަދި ޔުއެފާ ނޭޝަންސް ލީގުގައި ވެސް އޭނާ އަށް ޖަރުމަން ގައުމީ ޓީމަށް ނުކުޅެވުނެވެ.
އެނބުރި އައިސް ކްލަބް ވޯލްޑް ކަޕުގައި ނިއުޒީލެންޑުގެ އޮކްލެންޑް ސިޓީ އަތުން 10-0 އިން ބެޔާން މޮޅުވި މެޗުގައި ހެޓްރިކެއް ވެސް ހެދި އެވެ.