ނާމް ޝަބާނާ: އަންހެން ޖާސޫސަކު އުޅޭ ފުރަތަމަ ހިންދީ ފިލްމު
ނާމް ޝަބާނާ: އަންހެން ޖާސޫސަކު އުޅޭ ފުރަތަމަ ހިންދީ ފިލްމު

"ނާމް ޝަބާނާ" އަކީ މިހާތަނަށް އިންޑިއާގެ ސިނަމާއިން ދައްކާފައި ނެތް ވައްތަރެއްގެ ފިލްމެކެވެ. ސަބަބަކީ މި ފިލްމަކީ އަންހެން ޖާސޫސެއްގެ ވާހަކައެއް ދައްކާ ފިލްމަކަށް ވާތީ އެވެ.

އަކްޝޭ ކުމާރު ޕްރޮޑިއުސްކޮށް އެކްޓްކޮށްފައިވާ މި ފިލްމު ތައްޔާރުކުރެވިފައިވާ ގޮތާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނި ގޮތުގައި "ނާމް ޝަބާނާ" ކަހަލަ ޖާސޫސީ ފިލްމެއް އުފެއްދުމުގެ ފުރުސަތު ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

މި ފިލްމު ޕްރޮޑިއުސްކުރަން އަކްޝޭ ގަސްތުކުރީ ވެސް މިއީ މިހާތަނަށް އުފައްދާފައި ނުވާ ވައްތަރެއްގެ ޖާސޫސީ ފިލްމަކަށް ވާތީ އެވެ. އޭނާ ބުނި ގޮތުގައި ޖާސޫސުން އުޅޭ ފިލްމުތައް ފެށޭއިރު ވެސް އެމީހުން ތިބެނީ ތަފާތު މިޝަންތަކާ ކުރިމަތިލާ ޖާސޫސުންގެ ގޮތުގަ އެވެ.

ނަމަވެސް "ނާމް ޝަބާނާ"ގައި ފެނިގެން ދާނީ ޝަބާނާގެ ހަޔާތުގެ ދަތުރެވެ. ޝަބާނާގެ ރޯލު އަދާކުރަނީ ތާޕްސީ ޕަންނޫ އެވެ. މި ފިލްމުގައި އަންޑަ ކަވަ އޭޖެންޓަކަށް ޝަބާނާ ވާން މެދުވެރިވާ ސަބަބާއި އޭނާ އެކަމަށްޓަކައި ހަދާ މާޝަލް އާޓްސްގެ ވަރުގަދަ ޓްރޭނިން ދައްކާފައިވެ އެވެ. އަދި ވަރަށް ވަރުގަދަ އެކްޝަން ސްޓަންޓް ތައް ވެސް މި ފިލްމުގައި ތާޕްސީ ވަނީ ހަދާފަ އެވެ.

މި ފިލްމަށް ތާޕްސީ ތަމްރީނުކޮށްފައި ވަނީ އަކްޝޭ އެވެ. މި ފިލްމަކީ އިންޑިއާގެ ފުރަތަމަ ސްޕިން-އޯފް ފިލްމު ވެސް މެ އެވެ. ސަބަބަކީ މިއީ އަކްޝޭ ކުރިން ކުޅެފައިވާ "ބޭބީ" ކިޔާ ފިލްމެއްގެ އެއް ކެރެކްޓާ ކަމަށްވާ ޝަބާނާގެ މައްޗަށް ތައްޔާރުކުރި ފިލްމަކަށް ވާތީ އެވެ. ހިންދީ ފިލްމުތައް މިގޮތަށް އަދި މީގެ ކުރިން ތައްޔާރުކޮށްފައެއް ނެތެވެ.

މި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރާ ނީރަޖް ޕާންޑޭގެ "ނާމް ޝަބާނާ"ގެ ޑައިރެކްޓަރަކީ ޝިވަމް ނައިރް އެވެ.