ރަންވީރުގެ އިންސްޓަގްރާމް ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ
ރަންވީރުގެ އިންސްޓަގްރާމް ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގުގެ އިންސްޓަގްރާމްގެ ހުރިހާ ޕޯސްޓުތަކެއް ޑިލިޓްކުރުމަށް ފަހު އޭނާގެ އާ ފިލްމު "ދުރަންދަރު"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

އިއްޔެއަކީ ރަންވީރުގެ 40 ވަނަ އުފަންދުވަހެވެ. އެހެންވެ، އެ ޓްރެއިލާއަކީ އޭނާގެ އުފަންދުވަހާ ދިމާކޮށް ދިން ހަދިޔާއެއް ވެސް މެ އެވެ.

ރަންވީރާއެކު އެ ފިލްމުގައި ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.

ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.

ރަންވީރާއި ސާރާގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު، އާރު މަދަވަން، އަކްޝޭ ކަންނާ އަދި އަރްޖުން ރާމްޕާލެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ދުރަންދަރު"އަކީ އިންޑިއާގެ ސުޕަ ސްޕައި އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރު އަޖިތު ދޯވަލްގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ އެކްޝަން ފިލްމެކެވެ.

"ދުރަންދަރު" ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު ފަހެއްގަ އެވެ.