07 ޖުލައި 2025 - 10:08

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޝެންޒެން އަށް ދަތުރުތައް ފަށަން ނިންމައި މިރޭ ފުރަތަމަ ދަތުރަށް ތައްޔާރުވެއްޖެ އެވެ.
މޯލްޑިވިއަން އިން ބުނީ، މިރޭ ޗައިނާގެ ޝެންޒެންއަށް ދަތުރުކުރާއިރު އެ ސިޓީން ރާއްޖެއަށް ދަތުރުކުރާނީ ބުދަ ދުވަހު ކަމަށެވެ.
އެ އެއާލައިނުން ބުނީ، އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރާނެ ކަމަށެވެ. އެ ސިޓީއަށް ދަތުރު ފެށީ މިދުވަސް ވަރު އެ ސަރަހައްދުން ރާއްޖެއަށް އަންނަން ޑިމާންޑް ބޮޑުވުމުންނެވެ.
ޝެންޒެން ސިޓީއަށް ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ އޭ320 މަތިންދާބޯޓުގަ އެވެ.
ޝެންޒެން ސިޓީއަށް ދަތުރުތައް ފެށި އިރު ޗެންގްޑޫ އާއި ބެއިޖިން އާއި ޝެންހާއީ އަށް ދަތުރުތައް ވެސް ކުރާނެ އެވެ. އެ ތިން ސިޓީއަށް ޝެޑިއުލް ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުންނެވެ.
މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު މިހާރު 25 އަށް އަރަ އެވެ. އެ އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.