07 ޖުލައި 2025 - 09:53

ޓިކްޓޮކްގައި، އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ) ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް ލާން ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ޔާޔާގެ މައްޗަށް މި ހުކުމް އައީ އޭނާ އާއި އާދަމް މުހައްމަދު، ހދ. ކުޅުދުއްފުށީ/ބިޗާނާ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31، 2017 ގައި އެ މީހުން ތިބި މއ. ބްރައިޓްބްލޫ ގޭގައި ހުންނަ ކުއްޔަށްދޭ ކޮޓަރިއަކަށް ގޮސް ދޮރުގައި ޓަކި ޖެހުމުން ވެސް ނުހުޅުވުމުން ގަދަކަމުން ދޮރު ހުޅުވައިގެން ވަދެ ބެލި އިރު މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ޔާޔާގެ ގެ ކަމަށްވާ ގ. ކަމަރާ ގެއިން ޑްރަގް ފެނުނު މައްސަލައެއްގަ އެވެ.
ދައުވާގައިވާ ގޮތުން މި ދެ މީހުން އެ ކޮޓަރިން ހައްޔަރުކޮށް ފާސްކުރި އިރު 20.7422 ގްރާމް ކެނަބިސް ފެނުނެވެ. އަދި މަސްތުވާތަކެތި ކިރުމަށް ބޭނުންކޮށް އުޅޭ ޒާތުގެ ދެ ކައްޓާ ވެސް ފެނުނު ކަމަށް ބުނެފައިވެ އެވެ. އަދި ޔާޔާގެ ގޭގައި ވެސް ޑްރަގް ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސުވާލުކުރުމުން އޭނާ ވަނީ އަލަމާރީގެ ޝެލްފް ތެރޭގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެ އެކަމަށް އެއްބަސްވެފަ އެވެ. ފުލުހުން ޔާޔާގެ ގެއަސް ގޮސް އެ ކޮތަޅު ބެލިއިރު ފިލްމު ހުސްކުރި އަށް ދަޅުގައި 231.3015 ގްރާމް ކެނަބިސް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުރި އަލަމާރީގެ ވަތްގަނޑުގައި އޮތް ފޮތި ކޮތަޅެއްގައި ވެސް މަސްތުވާތަކެތި ހުންނާނެ ކަމަށް ޔާޔާ ބުނުމުން އެ ބެލި އިރު ފެނުނު ފިލްމު ހުސްކުރި ދަޅަކުން 25 ގްރާމަށް ވުރެ ގިނަ ކެނަބިސް ފެނިފައިވެ އެވެ. އަދި ހަމަ އެ ކޮތަޅުގެ ތެރެއިން ފެނުނު އެހެން ކޮތަޅަކުން ތިން ދަޅަކުން 85 ގްރާމަށް ވުރެ ގިނަ ކެނަބިސް ވަނީ ފެނިފަ އެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން އާދަމް މުހައްމަދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ޔާޔާ ބުނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތި ކަމަށާއި އެއިން ވިޔަފާރި ނުކުރާ ކަމަށެވެ. އަދި އޭނާ ފުރަތަމަ ހައްޔަރުކުރި މއ. ބްލޫބްރައިޓްގެ އަކީ އޭނާ އުޅޭ ތަން ނޫން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ހެކި ވަޒަންކުރުމަށް ފަހު ފަނޑިޔާރު މުހައްމަދު މިސްބާހް ކަނޑައެޅުއްވީ ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އެހެންވެ ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށާއި ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން 12 މަސް ދުވަސް ތެރޭގައި މީރާ އަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
މީގެ ކުރިން އެކި ފަހަރުމަތިން ޔާޔާ ވަނީ ހައްޔަރުކޮށްފަ އެވެ. ޓިކްޓޮކްގައި ބަރަހަނާވި މައްސަލާގައި އެއް 2022 ވަނަ އަހަރުން ވަނީ އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ. އެ ފަހަރު ހުކުމް އައީ އޮރިޔާން ކާޑު ހެދުމުގައި ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގަ އެވެ.
ޔާޔާ ޓިކްޓޮކްގައި ބޭއަދަބީ އަމަލުތައް ހިންގައި އެފަދަ ކަންކަން ފަތުރަމުން ގެންދާ މައްސަލައިގައި ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އާންމުންގެ ޝަކުވާ އަބަދުވެސް ބޮޑެވެ.