07 ޖުލައި 2025 - 07:31

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަތިޔާރާ އެކު ނުކުމެ އުޅޭ އަދި އެހީގެ ސާމާނު ލޫޓުވާ ކަމަށް ތުހުމަތުވާ ގޭންގު ހަރަކާތްތެރިވަނީ އިޒްރޭލުގެ އަސްކަރިއްޔާއާ ގުޅިގެން ކަމަށް އެ ޖަމާއަތުވެ ވެރިޔާ ރޭޑިއޯ އިންޓަވިއުއެއްގައި އެއްބަސްވެއްޖެ އެވެ.

ޕޮޕިއުލާ ފްރަންޓުގެ ވެރިޔާ ޔާސިރު އަބޫ ޝަބާބް ބުނީ އިޒްރޭލުން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި އޭނާގެ މީހުންނަށް މިނިވަންކަމާ އެކު އުޅެވޭ ކަމަށެވެ. އަދި އަސްކަރީ ހަރަކާތްތަކުގެ މައުލޫމާތު ކުރިން ހިއްސާކުރާ ކަމަށް ވެސް ބުންޏެވެ.
"އަހަރެމެން އިޒްރޭލުގެ އަސްކަރިއްޔާއަށް އޮޕަރޭޝަންތަކުގެ މައުލޫމާތު ކުރިން އަންގަން. އެކަމަކު އަހަރެން ހަރަކާތްތައް ހިންގަނީ އަމިއްލައަށް،" އިޒްރޭލުގެ އަރަބި ރޭޑިއޯ ޗެނަލް މަކަން އަށް ދިން އިންޓަވިއުއެއްގައި ޝަބާބު ބުންޏެވެ.
އިޒްރޭލު ނަން ނުގެނެސް އޭނާ ބުނީ މާލީ ގޮތުންނާއި ލޮޖިސްޓިކް ގޮތުން އެތައް ބައެއްގެ އެހީތެރިކަން ވެސް ލިބޭ ކަމަށެވެ.
"އާންމުކޮށް ނުދެއްކޭނެ ވާހަކަތައް އެބަހުރި."
މިދިޔަ މަހު އިޒްރޭލުން ވެސް ވަނީ ހަތިޔާރު އެޅި ފަލަސްތީނުގެ ޖަމާއަތަށް އެހީވާ ކަމަށް އެއްބަސްވެފަ އެވެ. ވަކި ޖަމާއަތެއްގެ ނަން ނުބުނި ކަމުގައި ވިޔަސް މީޑިއާތަކުން ވަނީ އެއީ ޝަބާބުގެ ޖަމާއަތްކަން ހާމަކޮށްފަ އެވެ.
"އެއީ ރަނގަޅު ކަމެއް. އެކަމުގެ ސަބަބުން އިޒްރޭލު ސިފައިންގެ ފުރާނަ ސަލާމަތްވޭ،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.
ނެސެޓްގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަވިގްދޯރް ލީބަމަން ވަނީ އިޒްރޭލުން ކުށްވެރިންގެ ޖަމާއަތަކަށް ހަތިޔާރު ދެނީ ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް ތިންކް ޓޭންކުން ބުނެފައިވަނީ އަބޫ ޝަބާބަކީ ޣައްޒާއަށް ގެންދާ އެހީގެ ތަކެތި ވަގަށް ނެގުމުގެ ޖަރީމާތައް ހިންގާ ގޭންގެއްގެ ލީޑަރު ކަމަށް ބެލެވޭ ހެކިތައް ގިނަ ކަމަށެވެ. އެކަމަކު އެހީގެ ސާމާނު ވަގަށް ނެގުމުގެ ތުހުމަތު އިޒްރޭލުން ކުރަނީ ހަމާސް އަށެވެ.
"އަހަރެމެންނަކީ ވަކި ފިކުރަކަށް ވަކި ސިޔާސީ ޖަމާއަތަކަށް ނިސްބަތްވާ ބައެއް ނޫން،" އަބޫ ޝަބާބް ބުންޏެވެ.
އޭނާ ބުނީ ބޭނުމަކީ "ހަމާސްގެ ބޭއިންސާފާއި ކޮރަޕްޝަން ނައްތާލުން" ކަމަށެވެ.
"ކިތަންމެ ލެޔެއް އޮހޮރުވައިގެން ވެސް އަހަރެމެން މި ހަނގުރާމަ ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ. "މިހާރު ހަމާސް އެ ދަނީ މަރުވަމުން. އެ މީހުންގެ ނިމުން ވަރަށް ގާތްވެއްޖެކަން އެ މީހުންނަށް ވެސް އެނގޭ."
އަބޫ ޝަބާބުގެ މައްޗަށް ކުރާ ދައުވާތަކަކަށް އޭނާ ކޯޓަށް ހާޒިރުވުމަށް ހަމާސްގެ ކޯޓަކުން އަމުރުކޮށްފައި ވާއިރު 10 ދުވަސް ތެރޭ ހަތިޔާރު ބަހައްޓައި އަމާން ދޭން ހަމާސް އިން ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ.
ފަލަސްތީނުގެ ގަބީލާތަކާއި ޖަމާއަތްތަކުން ވަނީ ޕޮޕިއުލާ ފޯސް އިން "ލަދުވެތިކަމެއް ނެތި" އިޒްރޭލާ ގުޅިގެން މަސައްކަތްކުރާ ކަމަށް ބުނެ ޖަމާއަތާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.
ތެލް އަވީވްގައި ހުންނަ މޮޝޭ ދަޔާން ސެންޓަރުގެ ފަލަސްތީނުގެ މައްސަލަތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ މައިކަލް މިލްޝްޓެއިން އޭއެފްޕީއަށް ވިދާޅުވީ އަބޫ ޝަބާބު އާއިލާއަކީ މިސްރުގެ ސައިނާއީ ޕެނިންސިއުލާ އާއި ޣައްޒާ ވަކިކުރާ ބޯޑަރު ހުރަސްކޮށް ފެތުރިފައިވާ ބަދަވީ ގަބީލާއަކާ ގުޅިފައިވާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެފަދަ ހުރިހާ ކުށުގެ އަމަލުތަކެއް ހިންގަމުންދާ ބައެކެވެ.
މިލްޝްޓެއިން ވިދާޅުވީ އަބޫ ޝަބާބަކީ ޣައްޒާގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެއް ކަމަށާއި ދާދި ފަހުން އޭނާގެ ގަބީލާގެ ލީޑަރުން ވަނީ އެއީ އިޒްރޭލާ ގުޅިގެން އުޅޭ ގޭންގްސްޓާރެއްގެ ގޮތުގައި ކަނޑައަޅައި އޭނާއާ ގުޅުން ކަނޑާލާފައި ކަމަށެވެ.