06 ޖުލައި 2025 - 16:04

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން ފަސް މަހުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން ތައްޔާރުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އެގްރިމެންޓު ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އަދި ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.
އާދަމް ޝަރީފް ވިދާޅުވީ، މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ ހެދި އެއްބަސްވުން ބާތިލް ކުރުމާ އެކު، އާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް މިހާރު ލިބިފައިވާ ކަމަށެވެ. އެ ފޯމުތައް އިވެލުއޭޓުކޮށް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އޭރު ވިދާޅުވީ ކައުންސިލްތަކުގެ އާ އިމާރާތް އަޅަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް، މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ކަމެއް ނުކުރެވެ އެވެ.
ތާވަލާ އެއްގޮތަށް ހިނގައްޖެ ނަމަ ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ބުންޏެވެ.