06 ޖުލައި 2025 - 13:19

ދައުލަތުގެ މީޑިއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފެނިފައި ވިޔަސް، އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މައްޗަންގޮޅީގައި ހުންނަ ގެއަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައި، ވެރިފަރާތާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ގެއިން ވަގަށް ގެންދިޔަ ތަކެތި ހޯދުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފުލުހުންގެ ހިންގިި އޮޕަރޭޝަނުގައި މިހާތަނަށް ހޯދުނު ތަކެތީގެ ތެރޭގައި އައިފޯނާއި ލެޕްޓޮޕާއި އެކި ބްރޭންޑުތަކުގެ އަވިއައިނާއި ޕްރިންޓަރާއި އެކި ބްރޭންޑުތަކުގެ ހާޑާއި ސްޕީކަރާއި އަތުކުރި ގަޑި އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ. އަދި ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު 72،000ރ. އަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ ޚާލިދު މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގެއިން ވައްކަން ކުރުމުގައި އެންމެ އިސްކޮށް ހުރި މީހާ އަދި ނުފެންނަ ކަމަށެވެ. އެއީ، ވަނަމަކަށް "ސަޓަޑޭ" ކިޔާ މީހެއް ކަމަށާއި އޭނާގެ އަސްލު ނަމަކީ ޒަމީލް ކަމަށެވެ. އޭނާ އުޅެނީ ފިލައިގެން ކަމަށް އަލީ ޚާލިދު ވިދާޅުވެފައިވެ އެވެ.
ވައްކަންކުރަން ދެ މީހަކު އަލީ ޚާލިދުގެ ގެއަށް ވަނީ ގޭގެ ފެންލައިޓަކުންނެވެ. ފެންލައިޓަށް އެ މީހުން އެރީ އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެ ގެއާ ޖެހިގެން ހުންނަ ގެއަކުންނެވެ. އެ މީހުން އެ ގޭގެ ތެރޭގައި ވިއްސަކަށް މިނެޓު ހޭދަކުރި އެވެ.
އެ ގެއިން ވަގަށް ގެންދިޔަ އައިފޯން، ފުލުހުންގެ އެހީތެރިކަމާ އެކު ޓްރޭސްކޮށް، ވަގަށް ގެންދިޔަ ބައެއް ތަކެތި ވިއްކާލަން އުޅުނު ދެ މީހަކު ހޯދި އެވެ. އެ މީހުންގެ ފޮޓޯ ވެސް އަލީ ޚާލިދު ފޭސްބުކްގައި އާންމުކުރެއްވި އެވެ.
އެކަމަކު، ފުލުހުން މިއަދު ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.