05 ޖުލައި 2025 - 21:26

ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިން މިއަދު ފަށައިފި އެވެ.
އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށް ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމާއި އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރު އެޅުން ކަމަށެވެ.
މިިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 39 އަންހެނުން ބައިވެރިވެ އެވެ.
އެ ތަމްރީނު ޕްރޮގްރާމުގައި ކިޔައިދޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ލާމަރުކަޒީ ނިޒާމު އަދި ޖެންޑާގެ މައްސަލަތައް ހިމެނެ އެވެ.
އަންހެނުންނަށް ހާއްސަ ކޮށްގެން ޕްރެކްޓިސް ޕާލިމަންޓް ހިންގަމުން އަންނަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. މިއީ، އެގޮތަށް ހިންގާ ހަތް ވަނަ އިވެންޓެވެ.
މިހާތަނަށް ހިންގި ޕްރޮގްރާމްތަކުން 225 އަންހެން ވަނީ ބައިވެރިވެފައިވެ އެވެ.