ޣައްޒާގައި މިއަދު 56 މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގައި މިއަދު 56 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި މިއަދުވެސް މިހާތަނަށް 56 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާރު ވަނީ އަލުން ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އިންސާނީ ކާރިސާއެއްގެ ތެރެއަށް ޣައްޒާ ވެއްޓިފައި ވާއިރު ޝަހީދުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ޣައްޒާ ސިޓީގެ ސްކޫލަކަށް އިޒްރޭލުން ފަތިހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ސްކޫލަކަށް ވެސް ހަމަލާ ދިން ކަމަށާއި އެ ހަމަލާގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ހިމާޔަތް ހޯދަން ބޭނުންކުރާ އެ ސިޓީގެ އެހެން ސްކޫލެއްގެ ކައިރީގައި ވެސް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގައި ތިން މީހަކު ޝަހީދުވެ 10 ވަރަކަށް މީހުން ޒަހަމްވެފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އެހީ ބަހާ މަރުކަޒުތަކުގެ ކައިރީގައި ހަމަލާ ދިނުން އާންމުވެފައި ވާއިރު މަދުވެގެން ނުވަ މީހަކު މިއަދު ވެސް ވަނީ އެ ތަންތަނުގެ ކައިރިން ޝަހީދުކޮށްލައިފަ އެވެ.

ޣައްޒާގައި ނޫސްވެރިންގެ މަސައްކަތަށް އިޒްރޭލުން ހުރަސްއަޅާފައި އޮންނާތީ ތަނުގެ ހާލަތާއި ހާދިސާތަކުގެ މައުލޫމާތު ކަށަވަރުކުރަން ވަނީ ދަތިވެފަ އެވެ. މިއަދުގެ ހަމަލާތަކާ ބެހޭ ގޮތުން އޭއެފްޕީން އިޒްރޭލު ސިފައިންނާ ސުވާލުކުރުމުން ވެސް ބުނީ ހަމަލާ ދިން ކަމަށް ބުނާ ސަރަހައްދުތަކުގެ ސީދާ ކޯޑިނޭޓްސް ބުނުމުން ނޫނީ ހަމަލާއަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭނެ ކަމަށެވެ.

މިއަދު ހަމަލާތައް ދީފައިވަނީ ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ތާއީދާ އެކު ހުށަހަޅާފައިވާ ކަންކަމާ މެދު ވަގުތުން މަޝްވަރާ ފެށުމަށް ތައްޔާރަށް އޮތް ކަމަށް ހަމާސް އިން ބުނެފައި ވަނިކޮށެވެ. އަދި މި ހަފްތާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރަން ހަމަޖެހިފައި ވަނިކޮށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 57،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ