21 މާޗް 2017 - 15:38

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެސޯސިއޭޝަން އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ހަރަކާތްތައް ޕްރޮމޯޓްކުރާނެ ޕްލެޓްފޯމެއް ހަދަން "އެވްރީތިންގް ރެޑް" އާ ހަވާލުކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އީ-ކޮމާސްގެ ހިދުމަތް ދޭ އެވްރިތިން ރެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ރިފާއު އެވެ. މަޓާޓޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމެވެ.
މަޓާޓޯއިން ބުނީ އެއްބަސްވުމުގެ ދަށުން އެތަނުން ބާއްވާ މައުރަޒުތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ސެމިނާތަކާއި ކޮންފަރެންސްތަކާއި ޓްރެވަލް އެވޯޑްސް ހަރަކާތްތަކަށް ޑިޖިޓަލް މީޑިއާ އާއި މޮބައިލް ކޮމާސްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަމަ އެއާ އެކު، މަޓާޓޯއާ ގުޅޭ ވެބް ޕްލެޓްފޯމެއް ގާއިމުކޮށް، އެ ތަނުގެ ވެބްސައިޓް ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ. އަދި ވެބް ޕްލެޓްފޯމް މެދުވެރިކޮށް ޓްރެވަލް އެވޯޑްސް މާކެޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެތަނުން ބުންޏެވެ.
"މި ޕާޓްނަޝިޕާ އެކު އަޅުގަނޑުމެންގެ ވެބް ޕްލެޓްފޯމްތައް ރަނގަޅުކޮށް، ރީލޯންޗު ކުރުމުގެ ކަންކަން ކުރެވޭނެ، މަޓާޓޯގެ މެމްބަރުންނާ ޓްރެވެލާސްއާ ދެމެދު އިތުރަށް ގުޅުން ގާއިމު ކުރެވިގެން ދާނެ،" މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުނާޒް ވިދާޅުވި އެވެ.
އެވްރީތިން ރެޑްގެ ސީއޯއޯ ރިފާއު ވިދާޅުވީ މަޓާޓޯއާ އެކު ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ޑިޖިޓަލް ކޮމާސްގެ ބޭނުންކޮށް، ޓްރެވަލް ސެކްޓާގެ އެކިއެކި ފުރުސަތުތައް ފަހި ކުރުމަށް އެދޭ ކަމަށެވެ.
"އެވްރީތިންގް ރެޑް" އަކީ އިންޓަނެޓުގެ ޒަރީއާއިން ގިނަ ހިދުމަތްތަކެއް ހޯދޭ ގޮތަށް ޑިޒައިންކޮށްފައިވާ ޕްލެޓްފޯމެކެވެ. ޕްލެޓްފޯމުގައި ހިމެނޭ އެންމެ މަގުބޫލް ހިދުމަތަކީ ކާތަކެތި އޯޑަރު ކުރެވޭ "ފުޑް ހަބް" އެވެ.
ފުޑް ހަބުގެ އިތުރުން ވެސް އެވްރީތިންގް ރެޑުން އަންނަނީ މުދާ ވިއްކާ "އީ ސްޓޯރު"، ކައިރީގައި ހުރި މުހިއްމު ތަންތަން ދެނެގަނެވޭ "100 އެމްވީ" އަދި ބިލާއި އެހެނިހެން އަސާސީ ހިދުމަތްތަކަށް ފައިސާ ދެއްކޭ "ބިލް ޕޭ" ހިމެނެ އެވެ.