04 ޖުލައި 2025 - 20:57

އިޒްރޭލާއި އެމެރިކާގެ ބެލުމުގެ ދަށުން ޣައްޒާގައި އެހީގެ ސާމާނު ބަހާ ޣައްޒާ ހިއުމެނިޓޭރިއަން ފަންޑް (ޖީއެޗްއެފް) ގެ މަރުކަޒުތަކުގެ ކައިރިން އެހީ ހޯދަން ޖަމާވާ މީހުންނަށް ހަމަލާދީ މިދިޔަ މެއި މަހުގެ ފަހުން 600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށާފައިވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން މެއި މަހުގެ 26 ވަނަ ދުވަހު އެވެ.
ޖީއެޗްއެފްގެ ސެންޓަރުތަކުގެ ކައިރީގައި، އެހީ ހޯދަން ގޮސް ތިބޭ މީހުންނަށް ހަމަލާދޭ މައްސަލަ ބޮޑުވެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
"ޖީއެޗްއެފްގެ އޮޕަރޭޝަންތައް ފެށި ފަހުން ޖޫން މަހުގެ 27 ވަނަ ދުވަހުގެ މެންދުރުގެ ނިޔަލަށް ޖީއެޗްއެފް ޑިސްޓްރިބިއުޝަން ޕޮއިންޓްތަކާއި ވެހިކަލްތަކުގެ ކައިރީގައި 613 މީހުން މަރާލާފައިވޭ،" އދ.ގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ މީޑިއާ ބްރީފިންއެއްގައި ވިދާޅުވި އެވެ.
"މި ދެންނެވި 613 މީހުންގެ ތެރެއިން 509 މީހަކު މަރާލާފައި ވަނީ އެހީ ބަހާ ސެންޓަރުތަކުގެ ކައިރީގައި."
އޭނާ ވިދާޅުވި ގޮތުގައި ބާކީ އަދަދަކީ އދ. އާއި އދ. ނޫން އެހެން ބައެއް ޖަމާއަތްތަކުގެ އެހީގެ މަރުކަޒުތަކުގެ ކައިރީގައި ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވި މީހުންނެވެ.
ޝަމްދަސާނީ ވިދާޅުވީ މީހުން މެރުމުގެ އިތުރު ރިޕޯޓްތައް ލިބެމުންދާތީ އެ އަދަދުތައް ބަދަލުވަމުންދާ ކަމަށާއި، ލިބޭ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ 613 އަކީ އދ. އިން ކަށަވަރުކޮށްފައިވާ އަދަދެއް ކަމަށެވެ. އެކަމަކު ޣައްޒާއަށް ވަނުމާއި އެތަނުގައި އުޅުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މި މަސައްކަތް ވެސް ވަނީ ދަތި ކަމަކަމަށް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހީގެ މަރުކަޒުތަކުގެ ކައިރީގައި ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްފައި ވާއިރު މިއަދު ވެސް ފަތިހުން ފެށިގެން ދެމުން ގެންދާ އެކި ހަމަލާތަކުގައި މަދުވެގެން 41 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ އެހީގެ ޓީމުތަކުން ބުނެފައިވެ އެވެ.
ޣައްޒާގައި މިފަހަރު ހަމަލާތައް ފެށުނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއެއްގައި 1،219 މީހުން މަރާލުމާ އެކުގަ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 56،531 އަށް ވުރެ ގިނަ މީހުން ޣައްޒާއިން ވަނީ ޝަހީދުވެފަ އެވެ.