ރާއްޖެ އިން އިންޑިއާއާ އެކު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރަނީ
ރާއްޖެ އިން އިންޑިއާއާ އެކު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަތުވާލް އާ އެކު، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރު ގުޅުންތައް ގާއިމްކޮށް، އިގުތިސާދީ ނަފާ އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން އިއްޔެ މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖޭގައި މިހާރު އިންޑިއާ އިން ހިންގާ އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމާއި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވެސް ރާއްޖެ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

މޯދީގެ އެ ދަތުރުފުޅުގެ ސީދާ ތާރީހެއް މިހާތަނަށް މުޅިން ފައިނަލް ނުވިޔަސް، އިންޑިއާ ސަރުކާރުން ވިސްނަމު އަންނަނީ މި ޖުލައި 26 ގައި ބާއްވާ ރަސްމީ ޖަލްސާގައި މޮދީ ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް އިންޑިއާގެ މީޑިއާތަކުން ކުރިން ރިޕޯޓު ކޮށްފައި ވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރި ވަރުގަދަ ކެމްޕޭނެއްގެ މަތީގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، އިންޑިއާ އާއެކު އޮތީ ވަރަށް ނުތަނަވަސް ގުޅުމެކެވެ. ނަމަވެސް، އޭގެ ފަހުން ހާއްސަކޮށް ދެ ގައުމުގެ ހާރިޖީ އިސް ބޭފުޅުން ކުރެއްވި މަސައްކަތުން މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.

މި ސަރުކާރުގައި މިހާތަނަށް ރާއްޖޭގެ އެކި ކަންކަމަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އުޅެނީ އިންޑިއާ އެވެ.

ރަނގަޅުވަމުން އައި ގުޅުމުގެ ތެރެއިން، އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިކަމުގެ އިތުރުން ޑޮލާރުގެ ތާށިކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިގޮތުން، 400 މިލިއަން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި ދިނުމުގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ކުރީގެ ސަރުކާރުން ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ.

ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި، އިންޑިއާ އިން އެތެރެކުރާ އަސާސީ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް ހަމަޖައްސައި ދީފަ އެވެ.