04 ޖުލައި 2025 - 18:42

ރާއްޖެ އާއި އެމެރިކާގެ ޚާރިޖީ ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭ މުނާސަބަތު ވާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭނެ ދުވަހަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ޓެގު ކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގަންވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބާ ވާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ އެޕްރީލް 9، 1966 ގަ އެވެ.