04 ޖުލައި 2025 - 16:31

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ސުވާސާގޭ އިބްރާހިމް ސައީދެވެ. އުމުރުން 48 އަހަރުގެ އެ މީހާ ހައްޔަރުކުރީ ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރަން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކުށުގެ ވެށިންނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރަހީނުކޮށް އޭނާ އަނިޔާކުރީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދިނެވެ.
ގެއެއްގައި އެ މީހާ ރަހީނުކުރި ސަބަބެއް އަދި ނޭނގެ އެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނެ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.