03 ޖުލައި 2025 - 16:55

މާލޭގައި ބިދޭސީއަކު ރަހީނުކޮށްފައި ހުއްޓާ ސަލާމަތް ކޮށްފައި ވަނިކޮށް އެހެން މައްސަލައެއްގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އެ މީހާ ވެސް ސަލާމަތްކޮށް، ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު އިއްޔެ ހުށަހެޅި ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން އެ މީހާ މިއަދު ސަލާމަތްކޮށް، ރަހީނުކުރި ކަމަށް ތުހުމަތުވާ މީހާ ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސ. ފޭދޫ ސުވާސާގެ، އިބްރާހީމް ސައީދެވެ.
އެ މައްސަލާގައި އަނިޔާ ލިބިފައިވާ 44 އަހަރުގެ ދިވެހި މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރަހީނުކޮށްފައި ހުރި ދިވެއްސަކު ފުލުހުން ސަލާމަތް ކުރިއިރު، މިއަދު ހެނދުނު ފުލުހުން ވަނީ މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު ވެސް ސަލާމަތްކޮށްފަ އެވެ.
ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.