ނޯލަންގެ އާ ފިލްމުގެ ޓީޒާ ވެސް ލީކުކޮށްލައިފި
ނޯލަންގެ އާ ފިލްމުގެ ޓީޒާ ވެސް ލީކުކޮށްލައިފި

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ޓީޒާ ޓްރެއިލާ ވެސް އޮންލައިންކޮށް އިއްޔެ ލީކުކޮށްލައިފި އެވެ.

އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ އޮންލައިންކޮށް ލީކުކޮށްލައިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ޓީޒާ ޓްރެއިލާ ވަކި ހާއްސަ ތިއޭޓަރުތަކެއްގައި އެކަނި ދައްކަމުން އަންނަނިކޮށް، އެ ޓީޒާ ޓްރެއިލާގެ ސާފު ކޮޕީއެއް އޮންލައިން ޕްލެޓްފޯމުތަކުގައި މިހާރު ވަނީ ލީކުކޮށްލައިފަ އެވެ. އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަނުން އަދި މިހާތަނަށް ފިލްމު ޓީޒާ ޓްރެއިލާ ސޯޝަލް މީޑިއާގައި އާންމުކޮށްފައި ނުވެ އެވެ.

ލީކުވި ޓީޒާ ޓްރެއިލާގެ ދިގުމިނަކީ އެއް މިނެޓާއި 19 ސިކުންތެވެ.

އެކްސް ކަހަލަ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ޓީޒާ ލީކުކޮށްލުމާއެކު، މިހާރު ވަނީ އެ ނުބެލޭގޮތް ވެސް ހަދައިފަ އެވެ.

"ދަ އޮޑެސީ"އަކީ ގްރީކްގެ ޅެމެއް ކަމަށްވާ "އޮޑިސުސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެއީ ވެމްޕަޔާތަކެއްގެ ވާހަކަ ކިޔައިދޭ ޅެމެކެވެ.

ނޯލަން ހަދާ މި ވެމްޕަޔާ ފިލްމުގެ ލީޑު ރޯލަށް ނަގާފައި ވަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ އެކްޓްރެސް ޒެންޑަޔާ ވެސް މުހިންމު ރޯލެއް ކުޅެ އެވެ.

އެ ދެތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"ގައި އުޅެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް އެވެ.

"ދަ އޮޑެސީ" ޕްރިމިއާކުރަނީ އަންނަ އަހަރު ޖުލައި 17 ގަ އެވެ.

ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. އެ ފިލްމަށް ވަނީ 2023 ވަނަ އަހަރުގެ އޮސްކާގައި ހަތް އެވޯޑެއް ލިބިފަ އެވެ. އެ ފަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.