03 ޖުލައި 2025 - 12:40

ސްޕޯޓްސް މެޑިސިންގައި ރާއްޖެ އަށް އެހީވާން އާސެނަލްގެ އިސް ޑޮކްޓަރު، ޑރ. ޒަފަރު އިގްބާލް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

އާސެނަލްގެ ސްޕޯޓްސް މެޑިސިން ޑިޕާޓްމެންޓްގެ އެންމެ އިސް މަގާމު އަދާކުރައްވާ ޑރ. ޒަފަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، އިއްޔެ ސްޕޯޓްސް މިނިސްޓްރީ އަށް ވަޑައިގެން މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލުކުރެއްވި އެވެ.

ކުރިން ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕާސް އަދި ކްރިސްޓަލް ޕެލަސްގައި މަސައްކަތް ކުރެއްވި ޑރ. ޒަފަރުގެ ބައްދަލުވުމާ ބެހޭގޮތުން މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގެ ސްޕޯޓްސް މެޑިސިންގެ އިތުރުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ކެމްޕޭންތަކުގައި ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ޑރ. ޒަފަރު ވިދާޅުވި ކަމަށެވެ.

"އޭނާ ހުރީ އަޅުގަނޑުމެންނަށް އެހީވާން ވަރަށް ބޮޑަށް ތައްޔާރަށް،" ރާފިއު ވިދާޅުވި އެވެ.
1. އެތުލީޓުން އަނިޔާއިން ރައްކާތެރިވުމާއި އަނިޔާއިން ރިކާވާވުން
2. ނިއުޓްރިޝަން
3. ފަސްޓް އެއިޑް އޮފިޝަލުން ތަމްރީނު ކުރުން
4. މުޖުތަމައުގައި ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރަން ހިންގާ ކެމްޕޭންތަކަށް އެހީ ވުން
5. ރާއްޖޭގެ ކުޅިވަރު ދުރުރާސްތާ ޕްލޭނަށް އެހީވުން
މިނިސްޓަރު ވިދާޅުވީ އަނިޔާއިން ރައްކާތެރިވުމާއި ރިކަވާވުމުގައި އެތުލީޓުންނާއި ސްޕޯޓްސް މެޑިކް އޮފިޝަލުން، ޑރ ޒަފަރުގެ އެހީއާ އެކު ތަމްރީނު ކުރާނީ ޕްރިމިއާ ލީގުގައި އުސޫލުތަކަށް ކަމަށެވެ.
"އިންޖަރީ ޕްރިވެންޝަން އާއި އިންޖަރީ މެނޭޖްމެންޓް އަދި ރިކަވަރީއާ ބެހޭގޮތުން ޕްރިމިއާ ލީގުގެ ކްލަބްތަކުގައި މަސައްކަތް ކުރާ ގޮތާ އަދި އޭގެ އެކްސްޕީރިއަންސްގެ (މައްޗަށް،)" ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވި ގޮތުގައި މުޖުތަމައުގެ ދުޅަހެޔޮކަމަށް ޑރ. ޒަފަރު ވާހަކަ ދެއްކެވި އިރު ކުޑަކުދިންނަށް ގިނައިން ފޮނި އެއްޗެހި ނުދިނުމަށް މުޖުތަމައު ހޭލުންތެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި އެވެ.
"ހަކުރު އެކުލެވޭ ބާވަތްތައް ކުޑަކުދިންނަށް ދިނުން މަދުކުރުން. ސަބަބަކީ އޭގެ އަސަރު 10 ވަރަކަށް އަހަރު ފަހުން ކުރަން ފެށުން،" މުޖުތަމައުގެ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުމާބެހޭގޮތުން ކުރި މަޝްވަރާތަކުގައި ޑރ. ޒަފަރު ފާހަގަ ކުރެއްވި ކަމަށް ރާފިއު ވިދާޅުވި އެވެ.
"މިސާލަކަށް ހަކުރު ބަލި ޖެހުމުގެ ޗާންސް ބޮޑުވުން. ނަމަވެސް މިކަން މި ކުރިމަތިވަނީ އަހަރުތަކެއް ފަހުންކަން އެވެއާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރި."
ރާފިއު ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި ހިމެނޭކަންކަން ރަނގަޅުކަން އޭނާ ފާހަގަ ކުރެއްވި ކަމަށެވެ. އެކަންކަން ތަންފީޒު ކުރުމަށް އޭނާ އަށް ވެވުނު ވަރަކުން އެހީވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.