03 ޖުލައި 2025 - 09:34

ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ފިންގާ ޕްރިންޓު ޖަހައި ފޯމު ހުށަހެޅި މައްސަލާގައި އެ ޕާޓީ ޖޫރިމަނާކުރިކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެކަމަކު ފޯމުގެ މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުނު ކަމަށް ފުލުހުން ބުނެފި އެވެ.
އަބަދުވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ތޯރިގަށް ނޭނގި، ސައްހަ ނޫން ލިޔުމެއް ހަދައިގެން ޕީއެންސީއަށް ވެއްދި މައްސަލަ އޭނާ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ފުލުހުންނަށް ހުށަހެޅުމުން މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނެފައިވަނީ ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށެވެ.
އެހެންވެ އެއީ ސައްހަ ފޯމެއް ކަމަށް ނުފެންނާތީ އިލެކްޝަންސް ކޮމިޝަނަށް އެންގުމުން، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީއެންސީ 5،000ރ. އިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ތޯރިގަށް ފުލުހުން ދިން ޖަވާބުގައިވެ އެވެ.
އެކަމަކު ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށާއި އެހެންވެ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ތޯރިގު ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް ބަލައިނުދިނީ ކަމަށެވެ. މިއީ ސްކޭމްތަކާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޯމު ފުރި މީހުންނާއި ހެކިންނާއި ފޯމު ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންނާއި އެ މީހުންގެ ސޮޔާއި ފިންގާޕްރިންޓް އެނގެން އޮތްއިރު ވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މައްސަލަ ނިންމާފައި ވާތީ އެކަން ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ) އިން ބަލައިދޭން އެދޭ ކަމަށެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލާގައި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުން، ވެރިކަން ހިންގާ ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
މި ފާޑުކިޔުން އަމާޒުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އާންމުންގެ މައުލޫމާތު ނަގައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމުގެ ތުހުމަތާ އެކު، ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޕާޓީއަށް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވުމާ އެކުގަ އެވެ. އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ހަ މަސް ދުވަހުގެ ތެރޭގައި ލިބުނެވެ.