03 ޖުލައި 2025 - 07:18

އައްޑޫ ހިތަދޫ އަދި ފުވައްމުލަކުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް އިއްޔެ ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުރަތަމަ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގައި އިރުއޮއްސި 6:16 ހާއިރެވެ.
އެއީ މަގުގެ އެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ކައިރީގައި ފިރިހެނަކު މަޑުކޮށްލައިގެން ހުއްޓައި، ފަހަތުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ނުދިޔަސް، ކާރުން ޖެހުމާ އެކު ހަތަރު ސައިކަލު ވެސް ބިންމައްޗަށް ވެއްޓުނެވެ. އެ ވަގުތު ފިރިހެން މީހާ ހުރީ ދެ ސައިކަލު މެދުގަ އެވެ. އެ އުޅަނދުން ޖެހުމުން އޭނާ ވެސް ކާރު މައްޗަށް ފުރޮޅި، އޭގެ އަނެއް ފަރާތު ބިން މައްޗަށް ވެއްޓެ އެވެ. ކާރުގެ ސްޕީޑު މަޑުވަނީ އެ ހިސާބުންނެވެ. އިރުކޮޅެއް ފަހުން ފިރިހެން މީހާ ތެދުވެ، ހިނގައިގަންނަން އުޅެ އެވެ.
ހިތަދޫ ބޮޑު މަގުގައި ރޭ 7:30 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން ދުވަސްވީ ފިރިހެނަކަށެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން އޭނާގެ ގައިގައި ޖެހުނީ ކަފިހި ހުރަހަކުން މަގު ހުރަސްކޮށް، ޕޭމަންޓަށް އަރާ ހަމަވިތަނާ ކަހަލަ ގޮތަކަށެވެ.
ސައިކަލުން ޖެހުމާއެކު ދެ މީހުން ވެސް ވެއްޓެ އެވެ.
ފުލުހުން ބުނީ ހިތަދޫގެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށެވެ. ފުވައްމުލަކު އެކްސިޑެންޓުގައި ހިމެނުނު މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.