02 ޖުލައި 2025 - 23:20

ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ސްޕެއިންގައި ކުރިއަށް ގެންދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށެވެ.
އެ ފަދަ މައްސަލަތައް ބޮޑުވެގެން އުޅެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުންނެވެ.
އެހެންވެ، ނައިބު ރައީސް ހުސައިން ވަނީ ކުދި ގައުމުތަކަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ މާލީ މުހިއްމު އިސްލާހުތަކަކަށް ވަކާލާތު ކުރައްވައިފަ އެވެ. ތަރައްގީ އަށް މަގުފަހިކުރުމަށްޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްގީކޮށް، އާންމު ލޯނުތަކަށް ވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ލޯނު ހޯދުމާއި އެ ގައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
ސިޑްސް އަށް ހާއްސަކޮށް ހައްލުތަކެއް ހޯދައި، އީޖާދީ އުފެއްދުންތެރިކަން ކުރިއަރައި ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެފަދަ ހިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބާރުއަޅުއްވައިފަ އެވެ.
އެ އިވެންޓުގައި، އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އދ. ގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ކޮންފަރެންސް ކުރިއަށް ގެންދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ.