ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން އުޅެނީ އިސްލާހީ މަސައްކަތަށް ހުރަސްއަޅަން: ޔުމްނާ
ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން އުޅެނީ އިސްލާހީ މަސައްކަތަށް ހުރަސްއަޅަން: ޔުމްނާ

ކުރީގެ ރައީސުންގެ އިނާޔަތް ދިނުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި، އިނާޔަތްތައް ކަނޑާލަން އުޅެނީ އިސްލާހީ މަސައްކަތްތަކަށް ހުރަސްއަޅައި ބިރުދައްކަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫނާއި މުހައްމަދު ނަޝީދު ގައުމުގައި ފިތުނަފަސާދަ އުފައްދަވާ ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ރައީސުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވަނީ، ގޮވާލައްވައިފަ އެވެ. އަދި އެކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވަނީ ތާއީދު ކުރައްވައިފަ އެވެ.

ޔުމްނާ ވިދާޅުވީ ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތްތައް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތްއިރު މިހާރު ވެސް އަމަލުކުރަމުން ދަނީ އެ ގާނޫނާ ހިލާފަށް ކަމަށެވެ. މައުމޫންގެ ސެކިއުރިޓީ ދަށްކުރުމުގެ އިތުރުން، ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދާއި އޮފީސް ހިންގުމާއި ބޭސްފަރުވާ އަށް ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ވެސް ކުޑަކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް މައުމޫން އެންމެ ފަހުން ބޭރަށް ވަޑައިގެންނެވިއިރު ވެސް އެންމެ ފަހު ވަގުތު ސެކިއުރިޓީން ވަޑައިގަތުން [އެމްއެންޑީއެފުން] މަނާކުރެއްވީ. އެއީ ކިހިނެއް އައި އޯޑަރެއް ކަމެއް ވެސް ނޭނގެ. ލިއުމެއް ފޮނުވާފައި ނެތް ކުރީގެ ރައީސް މައުމޫން އޮފީހަކަށް ވެސް،" ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫން ފައްޓަވައިގެން އުޅުއްވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި އިސްލާހީ މަސައްކަތްތަކެކެވެ. އެ މަސައްކަތްތައް މަޖިލިސް ތެރެއިން ވެސް ފައްޓަވާފައިވާތީ، ސަރުކާރުގެ ބޭނުމަކީ ބިރުދެއްކުން ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މައުމޫން ގައުމުގައި ފިތުނަފަސާދަ އުފައްދާ ކަމުގެ ތުހުމަތު އަބްދުއްރަހީމް ކުރައްވާފައިވާތީ، ރައްދު ދެއްވައި ޔުމްނާ ވިދާޅުވީ އަމިއްލަ އެދުމަށްޓަކައި ގައުމުގައި ފިތުނަފަސާދަ އުފައްދަނީ ކޮންބައެއްތޯ ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. ގާނޫނުއަސާސީ އަށް ގެނައި ބޮޑެތި ބަދަލުތަކާއި ރައްޔިތުންނަށް ގާނޫނުތަކުން ކަށަވަރުކޮށްދީފަިއވާ ހައްގުތައް ނިގުޅައިގަނެ، ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތާ ވެސް މުޅިން ހިލާފަށް އަމަލުކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތްތޯ ޔުމްނާ ސުވާލު އުފެއްދެވި އެވެ.

"މިކަންކަން އިސްލާހު ކުރައްވަން ރައީސް މައުމޫން މަސައްކަތްޕުޅު ފައްޓަވާފައި އެވަނީ. އިސްލާހީ މަސައްކަތް ކުރަނީ ކޮން ބައެއްތޯ ފިތުނަފަސާދަ އުފައްދަނީ ކޮންބައެއްތޯ ރައްޔިތުން ނިންމާނެ،" ޔުމްނާ ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ އިނާޔަތްތަކަށް އަނެއްކާވެސް ބަދަލު ގެންނަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އިސް މެމްބަރުން ވިސްނުން ގެންގުޅުއްވާއިރު، މައުމޫނަށް ދެމުން އަންނަ ސެކިއުރިޓީ ވެސް ވަނީ ދަށްކޮށްފަ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރެއްވުމުގެ މަސައްކަތުގައި އިސްކޮށް މައުމޫން ހުންނެވި ކަމުގެ ތުހުމަތުގައި ކަމަށް ވެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު މި މަހު 27 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ވޯޓާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެމްބަރުން ގެންދަވަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރައްވަމުންނެވެ. އެ ވޯޓު ކާމިޔާބުކޮށް، ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް މަޖިލިސް މެދުވެރިކޮށް ހޯދައިދޭން ޖެހިފައިވާ ކަމަށް ގާސިމް ވެސް ރޭ ވިދާޅުވި އެވެ.