02 ޖުލައި 2025 - 20:42

އައިޖީއެމްއެޗުގައި މުހިއްމު، އާ ހިދުމަތްތަކެއް މި އަހަރު ފަށާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، ކުޑަކުދިންނަށް ހާއްސަ އިމަޖެންސީ ރޫމެއް ހަދަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ޕްރައިވެޓް 15 ރޫމް ހިމެނޭ ގޮތަށް 75 އެނދު ވެސް އިތުރުކޮށް، ބޭނުންކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެނދު އިތުރުކުރުމާ އެކު، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ވޯޑުތައް މަރާމާތުކުރުމާއި އެ ތަނުގެ ފިނިހޫނުމިން ރަނގަޅުކޮށް ބަލި މީހުން ބޭނުންކުރާ އެނދުތައް ރަނގަޅުވާނެ ކަމަށެވެ.
އައިޖީއެމްއެޗުން އަންނަނީ މި އަހަރުގެ ތެރޭގައި ކާޑިއޮތޮރެސިކް ސާޖަރީ އާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ފެށުމަށް ތައްޔާރުވަމުންނެވެ. އެ ކަންކަމުގެ ތެރެއިން، އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރާ ސްޕެޝަލިޓީއެކެވެ.
ކާޑިއޮތޮރޭސިކް ސާޖަރީއަކީ މޭ ފަޅައިގެން ކުރާ އޮޕަރޭޝަނެވެ.
ޝާހު "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗުގައި މި ވަގުތު އެ ފަރުވާ ނުލިބޭތީ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށެވެ. އެ ފަރުވާ ފެށުމުން ފުއްޕާމޭ ފަޅައިގެން އަދި ލޭ ހޮޅިތަކުގެ ސާޖަރީ ވެސް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ފަސޭހައެއް،" ޝާހު ވިދާޅުވި އެވެ.
އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ފެށުމުން ޓެސްޓުތަކުގެ އެހީގައި ބަލިތައް ދެނެގަނެ، ގިނަ ޕްރޮސީޖާތައް ހެދޭނެ އެވެ.
"ބަލި ދެނެގަނެވުމާއި ފަރުވާ ވެސް އެކުއެކީގައި ލިބިގެންދާނީ،" ޝާހު ވިދާޅުވި އެވެ.
މެޑިސިން ފުޅާވަމުންދާ ވަރަކަށް ގިނަ ގައުމުތަކުގައި މިހާރު އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސްޕެޝަލިޓީތައް ހުރެ އެވެ.
ޝާހު ވިދާޅުވިގޮތުގައި، އުމުރުން ދުވަސްވުމުން އެއް ފަހަރާ ގިނަ ބަލިތަކަކަށް ފަރުވާ ހޯދާތީ އެކަށީގެންވާ ގޮތެއްގައި ހުރިހާ ކަމަކަށް އެހީތެރިކަން ނުދެވެ އެވެ. އެހެންވެ، އައިޖީއެމްއެޗުން ނިންމާފައިވަނީ އެތެރެހަށީގެ ޑޮކްޓަރުންތަކެއްގެ ޓީމެއް، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކުރާށެވެ. އޭރުން، އެ އުމުރުގެ މީހުންގެ ބަލިތަކަށް ފަރުވާ ދިނުން އަވަސްވެ، ޖުމްލަ ހައްލެއް އަންނާނެ ކަން ޝާހު ފާހަގަކުރެއްވި އެވެ.