02 ޖުލައި 2025 - 13:44

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހުރިހާ ކަމެއް އެއްކޮށް ނިމުމުގެ ކުރިން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކުރިއަށް ދިޔައީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކުން ބާނާފައިވާ 120 ޓަނަށް ވުރެ ގިނަ ބޮޑުކަންނެލި ނުކިރުވުމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމެވެ.
އެ މައްސަލައަށް ގަޑިއެއްހާއިރު ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ދިނެވެ.
އޭގެ ފަހުން ކުރިއަށް ގެންދިޔައީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ބިލުގެ ބަހުސެވެ. އެކަމަކު އެންމެ ތިން މެމްބަރުންނަށް ފުރުސަތު ދެއްވުމަށް ފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހުސް ވަގުތަށްދާ ގަޑި ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ 1 ގަޑިއިރާ 34 މިނެޓުގެ ތެރޭގައި ޖަލްސާ ވަނީ ނިންމާލައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުންގެ ބިލަކީ ވަރަށް މުހިއްމު ކަމަށާއި ބިލަށް ވާހަކަ ދެއްކެވުމަށް ގިނަ އަދަދެއްގެ މެމްބަރުން އެދިވަޑައިގަންނަވަމުން އަންނަ ކަމަށެެވެ. އެހެންވެ ބިލުގެ ބަހުސް ނިންމާނުލައި ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ދުވަހެއްގައި އެ ބިލަށް ބަހުސް ކުރެއްވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހެވެ.
މަޖިލީހުގެ ޖަލްސާ މިއަދަށް ނިންމާލިއިރު އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ހާލަތު ދިރާސާކޮށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުން ވެސް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތެވެ. އެކަމަކު އެ ރިޕޯޓު ވެސް އިއްވާފައެއް ނުވެ އެވެ.