02 ޖުލައި 2025 - 12:06

ތ. ވިލުފުށީގެ ދެ ދޯންޏެއްގައި އިއްޔެ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނައި އެ ދޯނީގެ ވެރިމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ފިހުނީ ދޯނީގެ ވެރިމީހާ، މަހުމޫދު މުހައްމަދު އިތުރުން ބިދޭސީއެކެވެ.
ވިލުފުށީ ކައުންސިލްގެ ރައީސް ހަސަން ޖަބީން ވިދާޅުވީ ބިދޭސީ މީހާއަށް އެހާ ބޮޑުވަރު ނުވި ނަމަވެސް، އުމުރުން 50 އިން މަތީގެ މަހުމޫދު އޮތީ ވަރަށް ބޮޑަށް ފިހިފައި ކަމަށެވެ. އެހެންވެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިއްޔެ އޭނާ މާލެ ފޮނުވާލީ ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާގައި މާލެ ގެނައި މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފުރަތަމަ ދޯނީގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށާއި ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށް ކައުންސިލުން އިއްޔެ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ.